މިއަދު ފެށުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ފަށައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުލުން ފަށާފައި މިވަނީ މިއަދު ހެނދުނު 8 ޖަހާއިރުއެވެ.

މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 180 ފޮށްޓަކީ މާލެ ސަރަަހައްދުގައި ބަހައްޓާ ފޮށިތަކެވެ. 2961 ކެންޑިޑޭޓުންނާއެކު ކުރިއަށްދާ މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 294876 ފަރާތަކަށް ލިބިގެންވެއެވެ. ހަމަ އެހެންމެ 6،581 އީސީ އޮފިޝަލުން ހަރަކާތްތެރިވާއިރު މޮނިޓާ ކުރުމަށް 8000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ.

މިއީ ތިން ވޯޓެއް އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު އިންތިހާބުތަކުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެއެވެ. ނަމަވެސް ވަކި އިންތިހާބެއްގައި ވޯޓުލާން ބޭނުންނުވާ ނަމަ އެ ކަރުދާހެއް ނުނަގައި ދޫކޮށްލުމުގެ ފުރުސަތު ލިބިގެންވެއެވެ.

ތިން ވޯޓުގެ ތެރެއިން ވަކި ވޯޓެއްގައި ބައިވެރިވާން މީހަކު ބޭނުން ނޫން ނަމަ، ވޯޓުލާ މަރުކަޒުގައި ތިބޭ އޮބްޒާވަރުންނަށް އެނގޭ ގޮތަށް، އޮފިޝަލުން އެކަން އިއުލާނު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތަށް އަމަލު ކުރަނީ ވޯޓުލުމުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ފަހުން ދިމާވެދާނެ މައްސަލައަކަށް މަގުފަހިނުކުރުމުގެ ގޮތުން ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ރޭ ވަނީ ވިދާޅުވެފައެވެ.

އަދި މިދިޔަ 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި ވެސް ބައެއް މީހުން މިގޮތަށް އަމަލުކޮށްފައިވާ ކަމަށާއި، އެފަދަ ހާލަތްތަކުގައި ހާދިސާ ރިޕޯޓުގައި އެކަން ނޯޓުކުރާނެ ކަމަށް ރޭ އީސީން ވަނީ ބުނެފައެވެ.