ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ވަށާޖެހޭ ސިޔާސަތުގެ ދަށުން، ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް (އެކަމަޑޭޝަން ބްލޮކް) ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކްމާއެވެ. މި މަޝްރޫއުގެ މަސައްކަތާ ހަވާލުވި ކޮންޓްރެކްޓާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދް ޝަރީފް އަބްދުއްރަހްމާން ޔޫސުފެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ، މިއީ އެކި ސަބަބުތަކާހުރެ އަމަލީ ސިފައެއް ނައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މަޝްރޫއެއް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން، މިފަދަ މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ނިންމެވި ނިންމެވުމާއެކު، މިއަދު މި މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެން ގޮސްފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ރަށަކުން މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނު ހޯދޭނެ ފަހި މާހައުލެއް ބިނާކޮށްދިނުމެވެ. ދިއްދޫގައި ތަރައްގީކުރާ މި ދަނާލަކީ ފާހާނާއާ އެކު ފަރުމާކުރެވިފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރި ހިމެނޭ އިމާރާތެކެވެ. މީގެ އިތުރުން، ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިން، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް މި އިމާރާތުގައި ގާއިމުކުރެވޭނެއެވެ.
ދިއްދޫގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ތަރައްގީ ކުރަމުންދާ ޖޫނިއާ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިން އަދި އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ހާއްސަ ކުރެވިފައިވާ މަރުކަޒެކެވެ. މިއަދު ސޮއިކުރެވުނު ދަނާލުގެ މަޝްރޫއުގެ ސަބަބުން، އެ ކޮލެޖުން ތައުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަވެ، ތައުލީމީ ދާއިރާއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
