ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން، ގްރޭޓާ މާލެ ސަރަހައްދުގައި ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމުމަކީ އިންތިހާބު އޮންނަ ދުވަހު މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކޮށް އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

އެގޮތުން އޭޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން އެ ދުވަހުގެ ރޭގަނޑު 23:00 އާ ހަމައަށް ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުމަކީ މަނާކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ.

ދުއްވުން މަނާކުރެވުނު އުޅަނދުތަކުގެ ތެރޭގައި ބަރު އުޅަނދުތަކުގެ C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތަކެވެ. މިނިސްޓްރީން އިތުރަށް ވިދާޅުވީ، ކަނޑައެޅިފައިވާ ވަގުތުތަކުގައި އިސްވެދެންނެވުނު ކެޓަގަރީތަކުގެ އުޅަނދުތައް ގްރޭޓާ މާލެ ސަރަހައްދުގައި ދުއްވުމަކީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާޤާނޫނު ނަންބަރު 5/2009) ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށެވެ.

އިންތިހާބު އޮންނަ ދުވަހު މަގުމަތީގެ ތަރުތީބު ހިފެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް މި އެންގުމަށް އިހްތިރާމްކޮށް، އެއްބާރުލުން ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.