އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދެމުން، އީރާނާއެކު ޑީލެއް ހަދަން މަޝްވަރާ ކުރާކަމަށް އެމެރިކާއިން ދައްކާ ވާހަކަތައް އީރާނުން ދޮގު ކުރުމާއެކު ޑީލެއް ނެތަސް 2-3 ހަފްތާގެ ތެރޭގައި ހަނގުރާމަ ނިންމާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މި ވާހަކައާއެކު ޓްރަމްޕް ވަނީ އެމެރިކާގެ އެކުވެރިންނަށް މެސެޖެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، "ކަލޭމެންގެ ތެޔޮ އަމިއްލައަށް ހޯދާ، އީރާން ހަނގުރާމަ 2-3 ހަފްތާއިން ނިންމާނަން" ކަމަށެވެ.
އެމެރިކާއިން އީރާނަށް ހަމަލާދީ އަދި އެއްގަމު މަގުން އަރާ އެތަން ހިފަން ބޭނުންވާ އެއް ސަބަބަކީ އީރާނުގައި ހުރި ތެޔޮ އަތުލުން ކަމަށް މީގެ ކުރިން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މި ފަހަރު ވިދާޅުވި ވާހަކަ އާއެކު އެމެރިކާގެ މަގުސަދު ސާފުކަމަށް މުރާސިލުން ބުނެއެވެ.
ދުނިޔޭގައި ތެލުގެ އެންމެ ބޮޑު ރިޒާވެއް އޮތް ވެނެޒުއޭލާވެސް އެމެރިކާއިން ވަނީ ހިފާފައެވެ. ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ވަގަށް އަރާ ވެނުޒުއޭލާގެ ރައީސްގެ ދެކަނބަލުން ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފައި ވާއިރު ލޭއޮހޮރުވުމަކާ ނުލައި ވެނެޒުއޭލާގެ ކޮންޓްރޯލް އެމެރިކާއިން ވަނީ ނަގާފައެވެ. އެގައުމުގެ ތެޔޮވަޅުތަކާއި އެންމެހައި ކަންކަން މިހާރު ކޮންޓްރޯލް ކުރަނީ އެމެރިކާއިންނެވެ.
އީރާން ހަނގުރާމަ 2-3 ހަފްތާއިން ނިންމާނެ ކަމަށް ޓްރަމްޕް ވިދާޅުވެ ވާހަކަ ދައްކަވާފައި ވާއިރު، މީގެ ކުރިން ވިދާޅުވަމުން ގެންދަވާފައި ވަނީ އީރާނާއެކު ޑީލެއް ހެދުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި 15 މާއްދާއެއް ހިމެނޭ ޕްލޭނެއް އީރާނާ ހިއްސާ ކުރި ކަމަށާއި، އީރާނުން އެއަށް ދެކޮޅު ހަދާ 5 މާއްދާގެ ޕްލޭނެއް ހުށަހެޅި ކަމަށެވެ.
ނަމަވެސް ރޭ އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަގާޗީ ވިދާޅުވީ، ޓްރަމްޕްގެ ހާއްސަ މަންދޫވު ސްޓީވް ވިޓްކޮފް އާ ދެމެދު ބައެއް މެޖެސް މަދަލު ކުރެވުނު ނަމަވެސް ރަސްމީ އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށާއި ސީރިއަސް މަޝްވަރާއެއް ކުރެވިދާނެ ކަމަށް ދެކެވަޑައިވެސް ނުގަންނަވާ ކަމަށެވެ. އަދި ހުށަހެޅި ކަމަށް ބުނާ 15 މާއްދާގެ ހުށަހެޅުމެއްވެސް ނެތް ކަމަށާއި އޭގެ މުގާބިލުގައި އީރާނުން އެއްވެސް ޖަވާބެއްވެސް ދީފައި ނުވާނެ ކަމަށެވެ.
ޑީލެއް ހެދުމާ ގުޅުވައި އެމެރިކާއިން ދެއްކި ހުރިހާ ވާހަކައެއް ނަފީ ކުރައްވައި އަގާޗީ ވިދާޅުވީ، އެމެރިކާއަކީ އިތުބާރެއް ކުރެވޭ ބައިވެރިއެއް ނޫން ކަމަށާއި އެއީ މަކަރުވެރި ބައެއް ކަމަށެވެ. އިތުރަށް ވިދާޅުވީ މީގެ އަހަރުތަކެއްގެ ކުރިން އެމެރިކާއާ ސީރިއަސް މަޝްވަރާ ކުރެވި އީރާނުން ހުރިހާ ކަމަކަށް އެއްބަސްވި ކަމަށާއި ނަމަވެސް 'ވީ ހަމަ އެއްގޮތެއްވެސް ބުނުމެއް ނެތި އެމެރިކާއިން އީރާނާ ދެކޮޅަށް' ފިޔަވަޅު އެޅީ ކަމަށެވެ. ދެވަނަ އަދި 3 ވަނަ ބުރެއްގައި ވެސް އެމެރިކާއާ މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކުން ނަތީޖާއެއް ނުނިކުތް ކަމަށެވެ.
އީރާނުން ޑީލެއް ހަދަން 'އާދޭސް ކުރަމުންދަނީ' ކަމަށް މީގެ ކުރިން ވިދާޅުވި، ޓްރަމްޕް މިއަދު ވިދާޅުވަނީ، އީރާނުން ޑީލެއް ނެހެދިޔަސް އެމެރިކާއިން ހަނގުރާމަ ނިންމާ، މައިދާން ދޫކޮށް ފައިބާނެ ކަމަށެވެ. އަދި އެކަމަށް ގިނަވެގެން ނަގާނީ 2-3 ހަފްތާ ކަމަށް ވެސް ބުނެފައިވެއެވެ.
ޓްރަމްޕް މި ފަދައިން ވާހަކަ ދެއްކެވި އިރު އޭނާ ވަނީ އީރާނުގެ ތެލުގެ 90 އިންސައްތަ ފައްކާ ކުރާ ހަރަޖަށް އަރައިގަތުމަށްޓަކައި އިތުރު 10،000 ސިފައިން ފޮނުވަން ނިންމާ، އޭގެ ތެރެއިން 3500 ސިފައިން މިހާރު ފޮނުވާފައެވެ. އަދި ވައިގެ މަގުން އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކޮށް އީރާނުގެ އުމްރާނީ ވަސީލަތްތައް ދަނީ ހަލާކު ކުރަމުންނެވެ. އެގޮތުން ހަނގުރާމަ ފެށިފަހުން މިހާތަނަށް 82،000 އިމާރާތަކަށް ހަމަލާދީ ހަލާކު ކޮށްލައިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އީރާނުގެ ހަކަތައިގެ ނިޒާމަށާއި، ބޭސްވެރިކަމުގެ ނިޒާމަށާއި، ޓެކްނޮލޮޖީއާއި އުމްރާނީ އެހެނިހެން ވަސީލަތްތަކަށް ދޭ ހަމަލާތައް މިހާރު ދަނީ ގިނަ ކުރަމުންނެވެ.
