ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ނިބޫގެ / މާލެ، ޝަމްއޫން ނަސީރު (34އ) އާއި ގ. މާވާގެ / މާލެ، އަބްދުﷲ ޔާމީން (32އ) ކަމަށެވެ.

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މަހުގެ 29 ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންނާއި ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ވަނީ އަތުލައިގެންފައެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައި ވެއެވެ.

އަދި ހަމަ އެހެންމެ މި މަހުގެ 3 ވަނަ ދުވަހުވެސް ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.7 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައިވެއެވެ.