ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރިފަރެންޑަމްގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާ މެންދުރު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކާ ގުޅިގެން، ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހްމަދު އީސާ ހުށަހެޅުއްވި މި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 1:00 ގައެވެ. މި މައްސަލަ ރައްދުވަނީ ދައުލަތުގެ އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށެވެ.

މި މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރިފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި، މަޖިލީހުގެ އުމުރު ބަދަލުކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުން ގާނޫނުއަސާސީން ލާޒިމުކުރެއެވެ. އެހެންކަމުން، ރިފަރެންޑަމްގައި ކުރާ ސުވާލަކީ މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ކުރާ ސުވާލަކަށް ވާންޖެހޭނެ ކަމަށް އެ ފަރާތުން ވަކާލާތު ކުރެއެވެ.

ނަމަވެސް، ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވެފައިވަނީ ރިފަރެންޑަމްގެ ސުވާލު ފަރުމާކުރަންޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެ ސުވާލު އިބާރާތްކުރުމުގެ އިހުތިޔާރު ގާނޫނުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، އެކަން ކުރާނެ އިޖުރާއަތްތައް "ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ގާނޫނު" ގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފްތާގައި ވަނީ ނިންމާލާފައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުޙައްމަދެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.