ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލައި ފްލެޓަށް ހުށަހަޅަން ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ ވަރަށް ނިކަމެތި ފަރާތްތައް ތިބިކަމަށާއި، މީގެ ތެރޭގައި މީހަކާ ޖޮއިންޓްވެ އަދި ޖޮއިންޓް ނުވެ ވެސް ގޯތި ލިބިފައިވާ ފަރާތްތައް ތިބިކަމަށެވެ. މިފަދަ ފަރާތްތަކަށް ގޯތި ލިބުނަސް، ގޯތި ހެދުމުގެ މާލީ ތަނަވަސްކަން ނެތުމާއި، އިމާރާތް ކޮށް ނިންމަން ވަރަށް ގިނަ ދުވަސް ނަގާނެތީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ފަރާތައް ގިނަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހެން ކަމުން މާލެ ސަރަހައްދުގެ ހައުސިން ސްކީމަކުން ގޯތި ލިބިފައިވާ ފަރާތްތައް، އެފަރާތްތަކަށް ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު، މިސަރުކާރުގެ ބޯހިޔާވަހިކަން ސްކީމްގެ ދަށުން ފްލެޓަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލަން ނިންމަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޯތި ދޫކޮށްލުމަށް ފަހު ފްލެޓަށް އެދެވޭނެ ފުރުސަތު ހުޅުވާލަން ނިންމީ ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށްފަހުގައިކަމަށެވެ. މިފަދަ ނިންމުމެއް ނިންމީ ގުޅިފަޅު ނޫނީ ގިރާވަރުފަޅުގެ ހާލަތައް ބަލައި އެތަނުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި މިފަދަ އެތައް ކަމަކަމަށް ވަގުތުކޮޅެއް ނަގާނެތީކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފްލެޓަކީ އަޅާނިމުމުން ވަރަށް ފަސޭހައިން ލިބޭނެތަނެއްކަމަށާއި، ނަމަވެސް ގޯތި ޖެހޭނީ އިމާރާތް ކުރަން އަމިއްލައަށްކަމަށްވުމުން އަތުން ދާނެ ހަރަދާއި، ވަގުތުތައް ރިއާޔަތްކޮށް ބިން ދޫކޮށްލާ ފަރާތްތަކަށް ފްލެޓަށް އެދެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެއީ ފްލެޓަކީ ވަރަށް ފަސޭހައިން ލިބޭނެ ތަނެއް އަޅާނިމުނީމަ. ގޯތި އަމިއްލައަށް އިމާރާތް ކުރަން ޖެހޭނީ. އަދި ގުޅިފަޅު ނޫނީ ގިރާވަރުފަޅުގެ ހާލަތައް ބަލާފިއްޔާ އަދިވެސް އެތަނުގެ އިންފްރަކްޗާ ގާއިމުކުރުމާއި މިފަދަ އެތައް ކަމަކަމަށް ވަގުތުކޮޅެއް ނަގާނެތީ އެކަމާ ކަންބޮޑުވާކަމެއް ފްލެޓަށް އެޕްލައި ކުރަން ފުރުސަތު ނެތުން"
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ މި ފެށޭ އޭޕްރީލް މަހު ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލައި ފްލެޓަށް އެދި ހުށަހަޅަން ފުރުސަތު ހުޅުވާލާނެކަމަށެވެ. އެގޮތުން ފްލެޓަށް އެދި ހުށަހަޅާއިރު މިހާރު ގޯއްޗެއް ނެތް ފަރާތްތަކަށްވުރެއް ގޯތި ލިބިފައިވާ ފަރާތްތަކަކީ ރަނގަޅު ހާލަތެއްގައި ތިބި ފަރާތްތަކެއްގެ ގޮތުގައި ރިއާޔަތް ކުރެވުނަސް، ހަމަހަމަ ފުރުސަތެއް ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.