ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރުގެ ގައުމުތަކަށް ކުރާ ޒަރޫރީ ދަތުރުތައް ފިޔަވާ އެހެނިހެން ދަތުރުތައް ހުއްޓާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހަލީލް މިފަދައިން ވިދާޅުވެފައި ވަނީ މެދުއިރުމަތީ ހިނގަމުންދާ ހަނގުރާމައިން އަރައިގަތުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ވަޒިރުންގެ ހާއްސަ ކޮމިޓީން މއިަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އޭނާ ވިދާޅުވީ، މަޝްވަރާ ކުރަމުންދާ ފިޔަވަޅުތަކާ ގުޅިގެން މާލީ ވަޒީރުވެސް މައުލޫމާތު ދެއްވާފައިވާ ކަަމަށާއި އެގޮތުން ބޭރުގައުމުތަކަށް ކުރާ ދަތުރުތައް މަދު ކުރުމަކީ އޭގެ ތެރެއިން އެއް ފިޔަވަޅު ކަމަށެވެ.
އެގޮތުން، ހާއްސަކޮށް ޒަރޫރީ ދަތުރުތައް ފިޔަވާ އެހެނިހެން ދަތުރުތައް ހުއްޓާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި މިހާރު ހިންގަމުންދާ ބައެއް ޕްރޮޖެކްޓުތައް ހުއްޓާލުމުގެ ބަދަލުގައި މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރަމަކީވެސް މަޝްވަރާ ކުރަމުންދާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހުރިހާ ކަމެއްގެ ތެރެއިންވެސް މިވަގުތު އެންމެ އިސްކަމެއް ދެނީ އާންމު ދިރިއުޅުމަށް ބުރޫ ނާރާނެ ފަދައިން ކަންކަން ކުރުމުގައި ކަމަށް ހަލީލް ވިދާޅުވެފައި ވެއެވެ. އަދި މަޝްވަރާތައް ކުރިއަށްދާ ގޮތުގެ މަތިން އެ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ހަނގުރާމައާ ގުޅިގެން ކުރަމުންދާ މަޝްވަރާތަކުގެ ކުރިއެރުން ލިބޭކަމަށް ހަލީލް ވިދާޅުވިއެވެ.
އީރާނަށް އެމެރިކާއާއި އިޒްރޭލުން މީގެ މަސް ދުވަސް ކުރިން ދޭން ފެށި ހަމަލާތަކާއެކު އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން މެދިއިރުމަތީގެ މަސްރަހު ހޫނުވެ އޭގެ އެސަރު އެހެން ގައުމުތަކަށް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ވައިގެ ދަތުރުފެތުރުގެ އިތުރުން ހޮރުމޫޒް ކަނޑުއޮޅި ބަންދު ކުރުމާއެކު ތެލުގެ ވިޔަފާރިއަށް ވެސް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ.
