ކ. ދޫނިދޫގައި ޕްރީ ފެބްރިކޭޓަޑް ސްޓީލް އެވިޑެންސް ބިލްޑިންއެއް އިމާރާތް ކުރުމަށް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން އިން 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ފުލުހުންގެ ހިދުމަތުގެ 2018، 2019 އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ފާހަގަކޮށްފައި މައްސަލަތަކުގެ ތެރޭގައި ޓެންޑާ ބޯޑުގެ ހުއްދަ ނެތި ގިނަ މަސައްކަތް ހަވާލުކޮށްފައިވުން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 500,000 ރުފިޔާއިން ފެށިގެން، މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދާނީ އެ މަސައްކަތަކާ ބެހޭ، ކުރެހުންތަކާއި ތަފްސީލުތައް "ޓެންޑާ އިވެލުއޭޝަންް ބޯޑަށް ހުށަހަޅައިގެންނެވެ. ނަމަވެސް ފުލުހުންގެ ހިދުމަތުން 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހުނު މަސައްކަތެއް ހަވާލުކޮށްފައި ވަނީ ޓެންޑާ ބޯޑުގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށް އެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
2018 ވަނަ އަހަރު ކ. ދޫނިދޫގައި ޕްރީ ފެބްރިކޭޓަޑް ސްޓީލް އެވިޑެންސް ބިލްޑިންއެއް އިމާރާތްކުރުމަށް، ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ހޯދުމަށް އެދި ސިޓީއެއް ފޮނުވާފައި ވެއެވެ. އަދި އެކަން އިއުލާންކޮށްގެން ކުރިއަށް ގެންދަނީނަމަ އެކަމަށް ގިނަ ދުވަސްތަކެއް ހޭދަ ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުގެ އަގުތައް ބެލުމަށް ފަހު މި ހިދުމަތް ހޯދުމަށް އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވާ ފަރާތުން ހުށަހަޅާފައިވާ އަގަކީ 522،292 ޑޮލަރު ކަމަށާއި އެ ކުންފުނިން 100 ޕަސެންޓް އެޑްވާންސް ފައިސާ ދެއްކުމަށް އެދިފައިވާ ކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
އެ ސިޓީގެ ޖަވާބުގައި މި މަސައްކަތަށް، ދިވެހި ފައިސާއިން، ހަރަދުކުރާ ގޮތަށް ހަމަޖައްސައި އަގު ހޯދުމަށްފަހު ފޮނުވުމަށާއި، ފައިސާ އަދާކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، އެއްގޮތަށް، އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އެއަށްފަހު ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) މެދުވެރިކޮށް މި ހިދުމަތް ފޯރުކޮށްދޭނެ އަގު ހޯދުމަށްފަހު ފިނޭންސްގެ ހުއްދައަށް އެދިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި ފިނޭނސްުން ވަނީ އެ އަގަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައެވެ.
ޕޮލްވެކް މެދުވެރިކޮށް މި މަސައްކަތް ކުރުމަށް ޖުމްލަ 9،117،099 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް މި މަސައްކަތަކީ ދައުލަތުގެ މާލަިއްޔަތު ގަވައިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. އެގޮތުން ޓެންޑާ ބޮޑަށް ހުށަހަޅައި އެ ބޮޑުގެ ނިންމުމާ އެެއްގޮތަށް ކުރިއަށް ގެންދަން ޖެހޭ މަސައްކަތެއް ކަން ފާހަގަކޮށް އެގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާތީ މާލިއަޔަތު ގަވާއިދާ އެއްގޮތަށް މަސައްކަތްއް ކުރިއަށް ގެންދިއުމަށް އެ ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ މާލިއްތަުގެ ގަވާއިދާ އެއްގޮތަށް ޕާފޯމެންސް ގެރެންޓި ވެސް ނާޣަފއި ނުވާ ކަން އޮޑީޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޮޑީތް ކުރުމަށް ނެގި ސާމްޕަލްތަކުެގ ެތރެއިން 2019 ވަނަ އަހަރުގެ ޖުމްލަ 848،000 ރުފިޔާ އާއި 2020 ވަނަ އަހަރު ޖުމްލަ 6،120،093 ރުފިޔާގެ ހިދުމަތާއި ތަކެތި ހޯދުމުގައި ޕާފޯމަންސް ގެރެންޓީ ނަގާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.
