ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ތިނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރުގެ އިތުރުން، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޖަމްޝީދާއި، ތިނަދޫ ސިޓީ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ އައު އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޖުމްލަ 144.43 މިލިއަން ރުފިޔާ ހަރަދުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަސައްކަތް ނިމުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތީ ދަރަޖައަކަށް އުފުލިގެންދާނެއެވެ.

10,000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ މުޅި އަތޮޅުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށް ބަރޯސާވާ މަރުކަޒެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު ވިންގް އިމާރާތްކޮށް ނިމުމުން، ތިނަދޫއާއި އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ބޭސްފަރުވާގެ ހިދުމަތްތައް ލިބުމަށް މަގުފަހިވެ، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.