ހދ. ކުޅުދުއްފުށި ސިޓީ އިންޖީނުގޭގެ އާ ޕްރީފެބްރިކޭޓެޑް އިމާރާތުގެ ކޮންކްރީޓު ތަޅާލުމާ ގުޅިގެން މި މަސައްކަތަށް ހަރަދުކޮށްފައިވާ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްރާފުވެފައި ވާކަން ހާމަވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި ހިންގާ ފެނަކަ ބްރާންޗާއި ޕްރޮޖެކްޓުތަކުގެ 2021-2023 ގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި، ކުޅުދުއްފުށި ސިޓީ އިންޖީނުގޭގެ އާ ޕްރީފެބްރިކޭޓެޑް އިމާރާތް ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށްފަހު މަޝްރޫއުގެ ވޭރިއޭޝަންގެ ގޮތުގައި އިތުރުކުރުމަށް ފެނަކައިން ހުށަހެޅި އަގަށް މަސައްކަތްކުރުމަށް ކޮންޓްރެކްޓަރު އެއްބަސްވެފައެއް ނުވެއެވެ.
އެހެންކަމުން އެފަރާތާއެކީ ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށާއި، އަދި އިމާރާތުގެ ކޮންސެޕްޓަށް ބަދަލުގެނެސް އިން-ހައުސް އިމާރާތުގެ މަސައްކަތް ކުރުމަށް ނިންމާ ކޮންޓްރެކްޓަރު ކޮށްފައިވާ ކޮންކްރީޓު މަސައްކަތްތައް ތަޅާލުމާއި ގުޅިގެން މި މަސައްކަތަށް ހަރަދުކޮށްފައިވާ 1،575،576 ރުފިޔާ އިސްރާފުވެފައިވާކަމަށް އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ކުޅުދުއްފުށީގައި އާ އިންޖީނުގެއެއްގެ އިމާރާތް ކުރުމުގެ މަސައްކަތް 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އިން-ހައުސްކޮށް ކުރިއަށްގެންގޮސްފައިވާކަމަށާއި، މި ޕްރޮޖެކްޓަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް 48.530،097 ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި ބުނާގޮތުން މި ޕްރޮޖެކްޓު މިހާރު ހުރި ހިސާބުން އެއްކޮށް ނިންމުމަށް އިތުރަށް 14،047،200 ރުފިޔާ ހަރަދުވާނެކަމަށާއި، އިމާރާތް ބޭނުންހިފޭނެ ހާލަތަކަށް ގެނައުމަށް 62،577،297 ރުފިޔާ ހަރަދުވާނެ ކަމަށެވެ. ނަމަވެސް މިފަދަ ޕްރޮޖެކްޓުތަކުގެ އަކަފޫޓަކަށް ހިނގާފައިވާ ހަރަދަށް ބަލާއިރު މި ޕްރޮޖެކް އެއްކޮށް ނިންމުމަށް ހަރަދުވާނީ 28،938،000 ރުފިޔާކަމަށާއި އެހެންކަމުން މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގެ ސަބަބުން ކުންފުންޏަށް 33،639،297 ރުފިޔާ ގެއްލުންވެފައިވާކަމަށެވެ.
މީގެއިތުރުން އިންޖީނުގޭގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި 21،755 ރުފިޔާގެ ކޭބަލްތައް ގެއްލިފައިވާކަމަށާއި، މިކަމާ ގުޅިގެން ހެޑް އޮފީހުންނާއި، ތަހުގީގު ކުރާ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަދި އިންޖީނުގޭގެ ގޯތިތެރޭގައި ހުރި ގިނަ އަދަދެއްގެ ސޯލާ ޕެނަލްތައް ރައްކާތެރި ގޮތެއްގައި ބަހައްޓާފައިނުވާކަމަށާއި، ތަނުގައި ހަރުކޮށްފައިވާ ގޭޓުވެސް ވަނީ ހަލާކުވެފައިކަމަށް ބަޔާންކޮށްފައިވެއެވެ. އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން މިތަނުގެ ސެކިއުރިޓީވެސް ބަލަހައްޓާފައެއް ނުވެއެވެ.
