ހދ. ވައިކަރަދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގައި 50 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި މި މަޝްރޫއުގެ ކޮންޓްރެކްޓަރ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާރޑް) އަލީ ޒުހައިރުއެވެ.
މި މަޝްރޫއުގެ ދަށުން ވައިކަރަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ 50 ހައުސިން ޔުނިޓެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގެ ބޯހިޔާވަހިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއު ނިންމުމަށް އެޗްޑީސީ އަށް ދީފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއުގެ ސަބަބުން ވައިކަރަދޫގެ ގިނަ އާއިލާތަކަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
