މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށް ފޯރަމުންދާ ދަނޑިވަޅެއްގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް "ވާކޮށްލާފައިވާ" ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް ސުވާލުކުރުމަށް އެދި ހުށަހަލާފައިވާ ނޯޓިސް ހިއްސާކުރައްވަމުން މީކާއީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ދަށުން ބާއްވަން ލާޒިމްކުރާ ޖަލްސާތައް ނުބާއްވައި، ވެރިކަން ކުރާ ޕީއެންސީން މިހާރު ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ ކެމްޕޭން ހަރަކާތްތަކަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ގޮވައިލެއްވީ، ވަޒީރުން މަޖިލީހަށް ހާޒިރުކޮށްދެއްވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ.

ޣައްސާނަށް ކުރައްވަން ބޭނުންވެވަޑައިގަންނަވާ ސުވާލުތަކުގައި މީކާއީލް ވަނީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން، މެދުއިރުމަތީގެ ހަނގުރާމައިގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ދެނެގަނެވިފައިވޭތޯ އާއި، އެކަމަށް ތައްޔާރުވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކަކީ ކޮބައިތޯ އައްސަވާފައި ވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކޮށް ޑިއެގޯ ގާސިއާއަށް ހަމަލާދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، އެކަން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް އެނގިފައިވޭތޯ މީކާއީލް ސުވާލު އުފެއްދެވިއެވެ. އަދި އެފަދަ ކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށާއި، ރާއްޖޭގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސާފުކޮށް ދެއްވުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މެންބަރު މީކާއީލް މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ ޖަލްސާތަކެއް ކެންސަލްވެ، ސަރުކާރުގެ ވަޒީރުން ހާޒިރުކޮށް ސުވާލުކުރުމުގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.