ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ޒިޔާރަތްކުރައްވައި، "އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިން މަޝްރޫއުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްގީކުރާ 1224 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލައްވާފައި މިވަނީ ރޭ ބޭއްވުނު އެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައުސިން މަޝްރޫއުގެ މަސައްކަތް ފެށުމަށް ސީއެމްއީސީ. ގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މައުލޫމާތު ހޯއްދަވައި މި މަޝްރޫއުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި އެ ކުންފުނީގެ ވެރިން ވަނީ މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީހްތަކަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި މި މަޝްރޫއުގެ ފައިނޭންސަރެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްވެރިންގެ އިތުރުން ސީއެމްއީސީ ގެ އިސްވެރިންނާއި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.