ދިވެހި މުޖްތަމައުގައި، ޑައުން ސިންޑްރޯމްގެ ކުދިންނާއި މީހުންނަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި އިބްރަތްތެރި ހާދިސާތަކުގައި، މުޖްތަމައުގެ ހާއްސަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިހްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާ ކަމަށާއި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާން ވެގެންވާކަމުގައި ވިދާޅުވިއެވެ. އަދި މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ސަދަގާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަހަކާއި އުހްތަކަށްމެ އަޅައިލުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމެސެޖުގައި އެމަނިކުފާނު ވަނީ މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިއާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމައުން ބާކީވެ އެކަހެރިވިޔަ ނުދިނުން ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މިއަމާޒަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުސަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމައެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.