މަނަވަރުތަކަށް ހަމަލާ ދޭ 8 މިސައިލް ހަރުކޮށްފައި ހުރި ހަނގުރާމަމަތީ 2 ބޯޓު ލަންކާގައި ޖައްސަން އެމެރިކާއިން އެދުމުން ހުއްދަ ނުދެއްވި ކަމަށް އެގައުމުގެ ރައީސް އަނުރަ ކްމާރަ ޑިސަނަޔެކެ ވިދާޅުވެއްޖެއެވެ.
މިއަދު ލަންކާގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ, ޖިބޫތީގައި އޮންނަ އެމެރިކާގެ ބޭސް އިން ފުރައިގެން އައިސް ލަންކާގެ މައްޓަލަ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން އެމެރިކާއިން ހުއްދަ އެދުނު ކަމަށާއި އެއީ, ހަނގުރާމަ މަތީ ދެ ޖެޓް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ, އެމެރިކާއިން އެދުނީ މާޗް މަހުގެ 4 އަދި 8 ވަނަ ދުވަހު ލަންކާގެ ވައިގެ ބަނދަރުގައި ޖެއްސުމަށް ކަމަށެވެ.
"މެދުއިރުމަތީގައި ހަނގުރާމައިގެ ސަބަބުން މިވަގުތަކީ ކިތަންމެ ދަތި ވަގުތެއް ނަމަވެސް އަހަރެމެން ހިފަހައްޓަން ބޭނުންވަނީ މެދުމިނުގެ ސިޔާސަތު, ނުވަތަ ވަކިއަތަކަށް ނުޖެހުމުގެ ސިޔާސަތު, އެހެންވީމައި އެ ޖެޓްތައް ޖައްސަން ހުއްދައެއް ނުދެން"
ޑިސަނަޔެކެ މިވާހަކަ ހާމަ ކުރައްވާފައި މިވަނީ, މިސަރަހައްދަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ސާޖިއޯ ގޯރު އިއްޔެ ލަންކާއަށް ވަޑައިގެން ލަންކާގެ ރައީސާ ބައްދަލު ކުރައްވާފައި ވަނިކޮށެވެ.
ގޯރުގެ މި ދަތުރުގައި ރާއްޖެއަށް ވެސް ވަޑައިގަންނަވާނެއެވެ.
އިއްޔެ ލަންކާގެ ރައީސާއެކު ގޯރު ކުރެއްވި މަޝްވަރާތަކުގައި ކަޑުގެ މަގުތައް ރައްކާތެރިކޮށް ބޭއްވުމާއި ބަނދަރުތަކުގެ ރައްކާތެރި ކަމާއި ދެގައުމަށް ފައިދާވާނެ ވިޔަފާރީގެ މަގުތައް ހުޅުވާލުމާއި އިންޑޯ ޕެސިފިކް ސަރަހައްދަކީ ތިޔާގި މުއްސަނދި ސަރަހައްދަކަށް ހެދުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.
އެމެރިކާއިން ލަންކާގައި ބޯޓު ޖައްސަން އެދުނު ދުވަސް ވަރަކީ އިންޑިއާއިން އިންތިޒާމު ކުރި ސަރަހައްދީ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވުމަށް އައިސް އޮތް އީރާނުގެ މަނަވަރު ފުރައިގެން ލަންކާ ކައިރިން ދަތުރުކުރަމުން ދިޔަ ވަގުތެކެވެ. އެމެރިކާއިން ވަނީ ކަނޑުއަޑީގައި ސަބްމެރީންގައި ފިލާ ތިބެ އީރާނުގެ މަނަވަރު ގޮއްވާލައި އޭގައި ތިބި މީހުންގެ ތެރެއިން 84 މީހަކު މަރާލައިފައެވެ.
ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޓޮރްޕިޑޯއެއް ބޭނުން ކޮށްގެން އެމެރިކާއިން ދިން މިހަމަލާގައި އީރާނުގެ މަނަވަރު ގޮވައި އަޑިއަށް ދިޔަ އިރު, އޭގައި ތިބި ފަޅުވެޅިންގެ ތެރެއިން 32 މީހަކު ސަލާމަތް ވިއެވެ. އެ އެންމެނަށް ހިމާޔަތްދީ ގެންދިޔައީ ލަންކާއަށެވެ.
އެމެރިކާއިން އެ މަނަވަރަށް ހަމަލާ ދިނީ މާޗް 4 ވަނަ ދުވަހުއެވެ.
އެމެރިކާގެ އެ ހަމަލާއަށް ފަހު 2 ދުވަސް ފަހުން އީރާނުގެ އިތުރު މަނަވަރެއް ވަނީ ލަންކާގެ ހިމާޔަތް ހޯދައިގެން ލަންކާގައި ބަނދަރު ކޮށްފައެވެ. އޭގައި 219 ފަޅުވެރިން ތިއްބެއެވެ. އެ ބޯޓު ޓްރިންކޮމަލީއަށް ގެންގޮސް އޭގައި ތިބި ފަޅުވެރިން ވަނީ ކަނޑުގެ ފްލީޓްގެ މެންބަރުން ތިބޭ ބޭސް އަކަށް ބާލައި ތިބެވޭނެ ގޮތް ހަދައިދީފައެވެ.
