ހުޅުމާލެ އުތުރު ދާއިރާގެ އތމ ކޮމިޓީއަށް އެމްޑީޕީން ވާދަކުރާ ފާތިމަތު ޝިބާ ގައިގާ ގަސްތުގައި ބަޔަކު ސައިކަލުން ޖައްސާ އަނިޔާ ދިން ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި އެކްސިޑެންޓަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްތަކުގައި ފަތުރަމުންދަނީ ސައްހަ ނޫން މައުލޫމާތު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގި ސަރަހައްދުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ އިއްޔެ ހަވީރު 5:25 ހާއިރު ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ފަދައިން، މިއީ ވަކި މަގުސަދެއް އޮވެގެން ގަސްދުގައި މީހަކަށް ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. އަދި މިއީ އެކްސިޑެންޓްވުމަށްފަހު ފިލައިގެން ދިޔަ ހާދިސާއެއް ނޫން ކަން ފުލުހުން ފާހަގަކުރިއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ، ހުޅުމާލެ ފޭސް 2، ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް ފޭރުގަސްމަގު 2 ނަންބަރު ގޯޅި އަށް އަޅަން އުޅުނު ވަގުތު، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގި ވަގުތު އެ ސަރަހައްދަށް ގޮސް ސީން އިން ބޭނުންވާ މައުލޫމާތާއި އެކްސިޑެންޓްގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ނަގާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި މި އެކްސިޑެންޓާ ގުޅުވައިގެން ގަސްތުގައި ގެއްލުން ދިނުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެފައި ވެއެވެ. މި ކަމާ ގުޅިގެން ފުލުހުން ބުނީ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ސައްހަނޫން މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.
