އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިދާރާތަކަށް އަންގަވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކު ނިޔާވިއިރު، ދެ މީހަކު ވަރަށް ބޮޑަށް ފިހިގެން މާލެއަށް އިތުރު ފަރުވާ ދިނުމަށް ވަނީ ގެނެސްފައެވެ.

މި ހާދިސާއާއި ގުޅިގެން ރައީސް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ތާރިގް ރަހްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި އެ ނުރައްކާތެރި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ދަނޑިވަޅުގައި ބޮޑުވަޒީރަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އަދި ހާއްސަކޮށް ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވާފައި ވެއެވެ.

އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ މި ހާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. ރައީސް މުއިއްޒު ވަނީ މި ހާދިސާގައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އަދި ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. ހަމަ އެހެންމެ ދިވެހިން ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނައިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ، އިންސާނީ ހައްގުތަކާ ގުޅުންހުރި އެއްވެސް ކަންބޮޑުވުމެއް އޮތްތޯ ކަށަވަރުކުރުމަށްޓަކައި ފުރިހަމަ އެސެސްމަންޓެއް ހަދަމުންދާ ކަމަށް ބުނެފައެވެ.