ބަރަކާތްތެރިވެގެންވާ ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އަޅުކަމުގެ ތެރެއަށް އެންމެ ގިނައިން ވަދަވޭ މަހޭ ބުނުމަކުން ދޮގަށް ނުވާނެއެވެ. ރޯދައަށް ހުންނަ އިރާ ރޯދަ ވިއްލައިގެން ވެސް އަޅުކަމުގެ އެކި އެކި އަމަލުތަކުގައި މަސްއޫލުވެގެން އުޅުމަކީ ގިނަ ބައެއްގެ އާދައެވެ. ނަމާދުތަކަށް ޖަމާއަތަށް އެރުމާ ސުންނަތް ނަމާދުތަކުގައި ބައިވެރިވުމާ މާތްވެގެންވާ ކީރިތި ޤުރުއާނު ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމާ ސަދަގާތުގެ މަތިވެރި އަޅުކަމުގައި އަޅުގަނޑުމެން ވަގުތު ހޭދަކުރެއެވެ. ރޯދައަށް ހުންނަ ވަގުތުގައި ރުޅި މަޑުކުރުމަށާ ހަޑިހުތުރު ބަސްތަކުން މުއާމަލާތް ކުރުމާ ދުރުވެ ދޮގު ހެދުމާ އީބަ ބުނުން ފަދަ ފާފަތަކަށް ނާރަވެތޯ މަސައްކަތްކުރެވެއެވެ.
ރޯދަމަހު އަޅުކަމަށް މިހާ އިސްކަން ދެވޭ އިރު އަހަރުގެ ބާކީ އޮތްބައިގައި މިވަރަށް އަޅުކަމަށް ވަގުތު ހުސްނުކުރެވެނީ ކީއްވެބާއެވެ. މިއީ ރޯދައިގެ އަޅުކަމުގެ ހުރި މާތްވެގެންވާ ހިކުމަތުގެ ބާރާއި ރޯދަ ހިފައިގެން ހޯދަންވީ ދަރުމައިގެ ސިއްރަށް ވެސް ވެދާނެއެވެ.
ރަމަޞާން މަހުގެ ރޯދައަކީ ދަރުމައިން ފުރިގެންވާ އަޅުކަމެއް
އިސްލާމުދީނުގެ ކުރިން މާތް ﷲ ބާއްވާލެއްވި ދީނުތަކުގެ އަހުލުވެރިންނަށް ވެސް ރޯދަ ހިފުމަށް އެކަލާނގެ އަމުރުކުރައްވާފައިވެއެވެ. މިކަން ބަޔާންކުރައްވާ ކީރިތި ގުރުއާނުގެ ބަގާރާ ސޫރަތުގެ 183 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާނީ:
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭ! ތިޔަ ބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޞު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޞު ކުރައްވައިފިއެވެ. (އެއީ) ތިޔަ ބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.
މިއާޔަތުން ވެސް ދޭހަވާ ފަދައިން ރޯދަ ހިފުން ވާޖިބުވާ އެންމެ މައިގަނޑު އެއް ސަބަބަކީ އެއަޅުކަމަކީ ތިބާގެ ތަޤްވާވެރިކަން އިތުރުވެގެންދާ އަޅުކަމެއް ވީމައެވެ. ކެއިންބުއިމާ، ގޯސް އާދަތަކާ ދުރުވެ ހުރެ އެކި އެކި އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ހަމަ ގައިމުވެސް ތިބާގެ ތަޤްވާވެރިކަން އިތުރުކޮށް އީމާންތެރިކަން ވަރުގަދަ ކުރާނެ ކަމެކެވެ. ރޯދައިގެ އަޅުކަމަކީ އެހެން އަޅުކަންތައް ކުރާ މިންވަރު އިތުރުކޮށް އަދި އެއަޅުކަންތައް އަދާކުރުމުގައި އަޅުތަކުން ދައްކާ އިހްލާސްތެރިކަން ވެސް އިތުރުކޮށްދޭ ފަދަ މާތް އަޅުކަމެކެވެ.
މިގޮތުން، ފަރުޞު ނަމާދުތަކުގެ އިތުރު ތަރާވީސް ނަމާދާ ދަމު ނަމާދު ފަދަ ސުންނަތް ނަމާދުތަކުގެ ދަރުމައާ ޘަވާބު ހޯދަން އަޅުގަނޑުމެން އަވަސްގަންނަމެވެ. ކީރިތި ގުރުއާން ކިޔެވުމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް ގުރުއާނުގެ މާނަ ބަލާ އެދަސްކުރަން ބާރު އަޅު އަހުންނާ އުހުތުން ވެސް އަޅުގަނޑުމެންގެ ތެރޭގައި ގިނައެވެ. ސަދަގާތުގެ މާތް އަޅުކަމާ އެހެން ވެސް ހެޔޮ ގިނަ އަމަލުތައް ކުރުމަށް އަޅުގަނޑުމެންނަށް ބާރު އަޅަނީ ރޯދައިގެ މާތް އަޅުކަން ނޫން ހެއްޔެވެ.
ހަމައެކަނި ރޯދަ މަހު އަޅުކަމައިގެން މަސްއޫލުވެވެނީ ކީއްވެ؟
އީމާންތެރިކަމަކީ ވެސް މާތް ﷲ އަޅުތަކުންނަށް ކުރިމަތިކުރާ އިމްތިހާނެކެވެ. މިގޮތުން، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވެސް ވިޔަސް އެކި އަޅުތަކުންގެ އީމާންތެރިކަން ހުންނާނީ އެކިވަރުގައެވެ. ހުރިހާ އަޅުތަކުން ވެސް ގަދަ އަޅާ މަސައްކަތް ކުރާނީ އެމީހެއްގެ އީމާންތެރިކަން އެންމެ ވަރުގަދަކުރުމަށެވެ. އެހެން ނަމަވެސް އެކުރާ މަސައްކަތުގައި ކާމިޔާބީ ދެއްވާނީ އާލަމްތަކުގެ ވެރިރަސްކަލާނގެއެވެ.
ޒަމާނަށް އައި ބަދަލާއެކު ދީނީ ކަންކަމަށް ދިވެހިން އިހުނަށް ވުރެ އިތުރަށް އަހުލުވެރިވެ މުޖްތަމައުއަށް އައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ ރަމަޞާން މަހަކީ އަޅުކަމަށް ހާއްސަ މަހަކަށް ހެދުމެވެ.
މީގެ ކުރިން ކުޅިވަރު ކުޅުމާ ޓީވީ ޕްރޮގްރާމްތަކަށް ވަގުތު ބޭކާރުކޮށްލި ނަމަވެސް ރޯދަމަހުގެ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މިހާރު އިސްކަން ދެނީ އަޅުކަމަށެވެ. އާދައިގެ މަސްތަކުގައި މިސްކިތުގެ ޖަމާއަތް ހަމަ ނުވެގެން ދާ އިރު ރޯދަ މަހު ކޮންމެ ފަރުޞު ނަމާދެއްގައި ވެސް ޖަމާއަތްތައް ފުރިގެންދެއެވެ. ލިބޭ ކޮންމެ ހުސް ވަގުތެއްގައި އަދި ވަގުތު ހުސްކޮށްގެން ވެސް އަޅުކަމުގައި މަސްއޫލުވެގެން އުޅެން ބޭނުންވެއެވެ. އަދި ރޯދަ މަހުގެ ފަހު 10 ގައި މި އަމަލުތައް އިތުރުވެގެންދާ އިރު ފިތުރު އީދު ދުވަހަށް އިރު އެރުމާއެކު އަޅުކަމާ ދުރުވެވެނީ އަޅުގަނޑުމެންނަށް އިހުސާސް ނުވާހާ ވެސް އަވަށެވެ.
ރޯދަ މަހަށް ދޫކޮށްލާ އާދަތަކަކީ ތިބާއަށް އަސްލު މުހިއްމު އާދަތައް ބާ؟
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ރޯދައަށް ތައްޔާރުވުމަށްޓަކައި ކޮށް އުޅޭ ބައެއް އާދަތައް ހުރެއެވެ. އާދައިގެ މަސްތަކުގައި ގިނަ ވަގުތު ހޭދަކުރާ ބައެއް ކަންކަން ރޯދަ މަހަށް ދޫކޮށްލާ ފަހަރު އާދެއެވެ. ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި 'ސްކްރޯލް' ކުރަން ހޭދަކުރާ ވަގުތުތައް މަދުކުރެވެއެވެ. 'ނެޓްފިލިކްސް' ފަދަ ސްޓްރީމިންގް ސައިޓްތަކުގެ ސަބްސްކިރިބްޝަންތައް ރޯދަ މަހަށް މެދު ކަނޑާލަނީ އެމާތް މަހުގައި މިފަދަ ދުނިޔަވީ ކަންކަމުގައި ވަގުތު ބޭކާރުކޮށްލެވިދާނެތީ ނޫން ހެއްޔެވެ.
ރޯދަމަހަކީ ހަމައެކަނި މިފަދަ އާދަތައް މަދުކޮށްލާ މަހެއް ނޫނެވެ. ކެއުމާ ނިދުމުގެ އާދަތަކަށް ވެސް ދުޅަހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެސްދެއެވެ. ތެލުލި އެއްޗެހި ކެއުން މަދުކޮށް ސިއްހަތަށް ފައިދާ ހުރި ކެއުމަކަށް ބަރޯސާވެއެވެ. ގިނައިން ފެން ބުއިމާ ކަސްރަތުކުރުމަށް ވެސް ވަގުތު ހުސްކުރެވެއެވެ. ހަމައެއާއެކު، އަވަހަށް ނިދުމާ ފަތިސް ނަމާދަށް ހޭލުން ފަދަ ސިއްހީ ގޮތުން އަދި ދީނީ ގޮތުން ވެސް ރަނގަޅު އާދަތަކަށް ހަށިގަނޑު ހޭނެއެވެ.
އެހެން ކަމުން ރޯދަމަހަށް ހާއްސަކޮށްގެން ދިރިއުޅުމުގެ އާދަތަކަށް ގެންނަ އެކި އެކި ބަދަލުތަކަކީ ދާއިމީ ބަދަލުތަކަށް ހެދުމުން ސިއްހަތާ ތިބާގެ އީމާންތެރިކަމަށް ފައިދާ ހުރި ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ. އަދި އަމާޒު ހިފަންވީ މިއަހަރުގެ ރޯދަ މަހަކީ އެހެން އަހަރުތަކާ ހިލާފަށް އަޅުކަމަށް ދެވުނު އަހައްމިއްޔަތުކަން ދޫކޮށް ނުލާ ދެން އަންނަ އަހަރުގެ ރޯދަ މަސް އަޅުގަނޑުމެންނާ ބައްދަލުކުރާ އިރު ވެސް މި އަޒުމުގައި ހުރެވޭނެ ފަދަ ރޯދަމަހަކަށް ހެދުމަށެވެ.
ރޯދަމަހަށް ފަހު އަލުން ނުރަނގަޅު އާދަތަކަށް އަރައިގަނެވުނަސް އެއީ މާޔޫސްވާންވީ ކަމެއް ނޫން
އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. އެހެން ކަމުން އިންސާނިއްޔަތަށް ﷲ ތައާލާ ކުރިމަތިކުރެއްވި އެންމެ ބޮޑު އިމްތިހާނުކަމުގައި ވާ ޝައިތާނާގެ ވަސްވާހުގައި ޖެހި ރޯދަ މަހަށް ފަހު އަލުން އަނެއްކާ ނުރަނގަޅު އާދަތަކަށް އަރައިގަތުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެކެވެ. އެއީ އެއްވެސް ހާލެއްގައި މާޔޫސްވެ އަޅުކަންތަކުން ތިމާ ދުރުވާންވީ ސަބަބެއް ނޫނެވެ.
ބަދަލުގައި އަލުން ތިބާ ނިޔަތް ސީދާކޮށް ކުރެވުނު ފާފަތައް ފުއްސެވުމަށް އެދި މާތް ﷲއަށް ދުއާ ކުރުމުގައި ވަގުތު ހޭދަކުރުން މުހިއްމެވެ. މި އުއްމަތުގެ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމަކީ އެންމެ ފުރިހަމަ އިންސާނާކަމަށް އަޅުގަނޑުމެން މުސްލިމުން ގަބޫލުކުރި ނަމަވެސް ފާފަތައް ފުއްސެވުމަށް އެދި މާތް ﷲ އަށް ދުއާ ކުރެއްވުމުގައި އެކަލޭނގެފާނު ދުވާލެއްގެ އެތަށް ގަޑިއެއް ހޭދަކުރެއްވިއެވެ. މާތް ރަސޫލާ ފަދަ ބޭކަލެއް މި ގޮތަށް ފާފަފުއްސެވުމަށް އެދި ދުއާކުރުމުގައި ގިނަ ވަގުތު ހޭދަކުރެއްވި އިރު އަޅުގަނޑުމެންނަށް ވެސް ދެދުނިޔޭގެ ބާޖާވެރިކަމަށްޓަކައި އެގޮތަށް އަމަލުނުކުރެވެންވީ ސަބަބެއް ނެތެވެ.
