ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ ރައްޔިތެއްކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:41 ހާއިރުއެވެ. މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ފުލުހުންނަށް ކަށަވަރު ކުރެވިފަވާކަމަށެވެ.

ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.