ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، މީގެ ސަބަބުން މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ކަމަށެވެ.
މިއީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށް އަމީން ވިދާޅުވީ މިއީ ކޮޕް29 ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާނުކުރެއްވި މޫސުމީ ބަދަލުތަކާ ގުޅޭ ވައުދުފުޅުތައް ފުއްދެވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށާއި ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް ސްޓެލްކޯއިން ވަނީ އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް ވެސް ގާއިމުކޮށްފައެވެ.
މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިން އަބަދުވެސް މަރުހަބާ ކިޔާނެކަމަށާއި މީގެ ސަބަބުން މާލެތެރޭގެ ވައި ތަގައްޔަރުވުން ކުޑަކުރެވި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
