ކ. ހުރާގައި ކަރަންޓާ، ފެނާ، ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.

މީގެ ކުރިން ހުރާގައި މިހިދުމަތްތައް ދެމުން އައީ ފެނަކަ ކޯޕަރޭޝަނުންކަމުގައިވާ އިރު މިއެއްބަސްވުމާއެކު ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު ސްޓެލްކޯގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. ސްޓެލްކޯ އިން ބުނީ ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާއި ހަވާލުވުމާއި ގުޅިގެން، ކ.އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ހިދުމަތް ސްޓެލްކޯއިން ދެމުން އަންނަ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަޒްވަރު ވިދާޅުވީ ހުރާގައި ދެމުންދިޔަ ހިދުމަތްތައް މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނާ ގުޅިގެން ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފެނަކަ އާއި ރަށު ކައުންސިލާ ގުޅިގެން ކަމުގައިވާއިރު އަޒްވަރު ވިދާޅުވީ މި ކަމާ ގުޅޭ ކަންތައްތައް ޕްލޭން ކުރެވި އެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާ ކަމަށެވެ.

މީގެ އިތުރުން އަޒްވަރު ވިދާޅުވީ މާދަމާ އެ ރަށު ހުރިހާ ގެއެއްގެ ރީޑިން ނެގުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށާނެ ކަމަށާއި އޭގެ ފަހުން ބިލް އަންނާނީ ސްޓެލްކޯ އިން ކަމަށެެވެ.

ފެނަކައިގެ އެމްޑީ ނަޖާހު ވިދާޅުވީ ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާއަށް އެ ބަދަލު ގެނައުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއެކު ކަމަށާއި ރައީސްގެ ވިސްނުންފުޅަކީ މުޅި ކ. އަތޮޅަށް ވެސް ސްޓެލްކޯ އިން ހިދުމަތް ދިނުންކަމަށެވެ.