ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބާއްވާ ވާހަކަތައް ދެކެވެމުންދާ އިރު، އެ ދެ އިންތިހާބު އެއްކޮށްލަނީ ނޫން ކަމަށާއި، ދެ އިންތިހާބު ބާއްވަނީ އެއްދުވަހަކު ވަކި ވަކީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައި ވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ މިރޭ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ އިދިކޮޅުން ދައްކަމުންދާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާ ވާހަކަ އަކީ މުޅިން އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. މި ދެ އިންތިހާބު އެއްކޮށްލަން ނޫޅޭ ކަމަށާއި، ދެ އިންތިހާބު ބާއްވާނީ ވަކި ވަކިން އެއް ދުވަހެއްގައި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން ނަގާ ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން އެމްޑީޕީ އިން ވާހަކަ ދައްކާގޮތުން ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދުނިޔޭގައި ވެސް އަލަށް ކުރާ ކަމެއް ގޮތުގައި ހީވިއަސް މިއީ ހަގީގަތެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާ ކަން ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، އިންޑޮނޭޝިއާގެ އިތުރުން، ތުރުކީ އަދި މެކްސިކޯ އާއި އުރުގުއޭ ފަދަ ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުގައި ވެސް ކާމިޔާބު ކަމާއެކު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަމުންދާ ކަމަށެވެ. އަދި ރާއްޖެ ގޮތަށް ދެ އިންތިހާބު ދޭތެރޭ 9 މަސް ދުވަހާއި 12 މަސް ދުވަހުގެ ފަރަގެއް ގެންގުޅުނު ސީޝެލްސް އިންވެސް 2020 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވަމުންދާ ކަމަށެވެ.
މިއިން ވެސް ދޭހަވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ފައިދާ ހުރި ކަމެއް ކަމަށާއި، އަދި މިބަދަލު ގެނައުމަށް އެކި ގައުމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާމެދު މީގެ ކުރިން ހާއްސަ މަޖިލީހުގައި ބަހުސް ކުރެވުނު ކަމަށާއި، މިއީ ބަހުސް ނުކުރެވޭ ކަމެއް ނޫން ކަމަށެވެ. އޭރު ދެ އިންތިހާބުގެ ތާރީހުގަ ފަރަގެއް އޮތީ، އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުމާއެކު މިނިވަން މުއައްސަސާތަކެއް އުފަންވެ، މިނިވަން މުސްތަގިއްލު އިލެކްޝަނެއް ވުޖޫދައް ގެނެސް، އިންތިހާބުގެ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ނެގި ވަގުތާ ހެދި ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިކަމާ ކުރިން ބަހުސް ކުރިއިރުވެސް، ބުރަވެފައި އޮތީ ދެ އިންތިހާބު ވެސް ވީހާވެސް އަވަހަށް ބޭއްވުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
