އުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާ ކޮށްފައިކަމަށާއި، މައްކާގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައިކަމަށެވެ.

ޝަހީމް ވަނީ ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންގެ އިތުރުން ރައީސް ޑރ މުހައްމަދު މުއިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަލް އަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ފުރަން ހަމަޖެއްސުއްމަށްފަހު ފަހު ވަގުތު ދަތުރު ކެންސަލް ކޮށްލި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން 28 މީހަކު ހައްޖު ކޯޕަރޭޝަން ގްރޫޕުގެ ދަށުން މި މަހުގެ 4 ވަނަ ދުވަހުވެސް ވަނީ އުމްރާއަށް ފުރުވާލާފައެވެ.

އަލް އަބްރާރް ގްރޫޕުން އުމްރާއަށް ފުރަން ހަމަޖެހިފައިވާ މީހުންގެ ދަތުރު ކެންސަލް ކުރި މައްސަލައިގައި އެ ގްރޫޕްގެ އޮފީސް ކައިރިއަށް މީހުން އެއްވެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ފުރަން ހަމަޖެހިފައިވާ 110 މީހަކަށް ނުފުރުނު މައްސަލައެވެ.

އެ ރޭ އެ ސަރަހައްދުގައި ތިބި މީހުން ބުނެފައިވާ ގޮތުގައި އުމްރާ އަށް ފުރުމުގެ ކުރިން އެ ދުވަހުގެ ހެނދުނު ދަބަސްތައް ގެންދިއުމަށް އެންގި ކަމަށާއި ފަހުން އެންގީ އެއާޕޯޓަށް ދަމުން ދަބަސް ގެންދިއުމަށް ކަމަށެވެ. އެ އެންގުމަށް ފަހު، ގްރޫޕުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައި ކަމަށާއި އުމްރާ ދަތުރު ކެންސަލް ކުރިކަން އެ ބައްދަލުވުމުގައި އަންގައި ސަބަބެއް ކަމަށް ބުނީ، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އަށް މި މަހުގެ 26 ގެ ފަހުން ވެސް ވާނެ ގޮތެއް ނޭނގޭތީ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަލް އަބްރާރު ގްރޫޕަކީ އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ކަމަށް އޭޕްރީލް، 2025 ގައި ނެރެފައިވާ ލިސްޓުގައި ވެސް ހިމެނޭ ކުންފުންޏެެއް ކަމަށެވެ.