'ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ފޯމް ލާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

"އާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި މި އަހަރު ފެށި ޕްރޯގްރާމްގައި މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 1250 އަކަފޫޓުގެ 15000 ގޯތި އަދި ހުޅުމާލެ އާއި ވިލިމާލެ އިން 3 ކޮޓަރީގެ 7900 ފްލެޓަށް އެދި ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

މި ސްކީމަށް ހުޅުވާލި އިރު ބިމަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މާޗް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަނޑި ހަމަވާޏީ އޭޕްރީލް 18 އަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދު ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ބިމަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އަކީ ސުންގަޑި ހަމަވާނެް ވަގުތު ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ. ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އެ ދުވަހަށް ކަމަށް އެ މނިސްޓްރީން ބުނެފައި ވެއެވެ.

ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ކަނޑައަލާފައިވާ އިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނާއި ޓެކްސީ ޑްރައިވަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއެއް ހިމެނެއެވެ. ހަމައެއާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މަސްވެރިންނާއި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަގެ އިތުރުން ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތައް ވެސް ހިމެެނެއެވެ.

މި މަޝްރޫއުގެ ދަށުން ދޫކުރާ 7900 ފްލެޓްގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މާލޭގެ ރަށްވެެހިންނަށް ދޭ 4000 ފްލެޓް ބަހާފައިވާ ކެޓަގަރީތަކަށް ބަލާއިރު، މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓް، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓް، މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓް އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓް ހިމެނެއެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަ ކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.