ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބާއްވާ ވާހަކަ އަޑު ހަރުކޮށް ދެކެވޭ އިރު މިކަން މިހެން ކުރުމުން ސަރުކާރުގެ ހަރަދު ކުޑަ ކުރެވޭނެ ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށްލައިފިނަމަ ރައްޔިތު މީހާއަށް އޮތީ ކޮން ލުޔެއްތޯވެސް އެބަ ސުވާލު އުފެދެއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވަކިވަކިން ބޭއްވުމަށް ދައުލަތުގެ ބަޖެޓުން, ކޮންމެ އިންތިހާބެއް ބޭއްވުމަށްޓަކައި އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު, 2013 ވަަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބޭއްވުމަށް 25 މިލިއަން ރުފިޔާ ހޭދަވެފައި ވާއިރު, 2014 ވަނަ އަހަރު މަޖިލިސް އިންތިހާބު ބޭއްވުމަށް 25 މިލިއަން ރުފިޔާއަށް ވުރެއް ގިނައިން ހޭދަވެފައި ވެއެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް 65 މިލިއަނަށްވުރެއް ގިނަ ރުފިޔާ ހަރަދު ވެފައިވާއިރު, 2019 ވަނަ އަހަރު މަޖިލިސް އިންތިހާބު ބޭއްވުމަށް 45 މިލިއަނަށްވުރެއް ގިނަ ރުފިޔާ ހޭދަވެފައި ވެއެވެ. އިންތިހާބަށް ހޭދަކުރަމުންދާ ހަރަދުތައް އަހަރަކަށްވުރެ އަހަރެއް ގައި އިތުރުވަމުންގޮސް އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ރައުންޑްގެ ވޯޓަށް ޖުމުލަ 84 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވެއެވެ. ޖެހިގެން އައި އަހަރު މަޖިލިސް އިންތިހާބު ބޭއްވުމަށް 61 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ވަނީ ހަރަދުވެފައެވެ.

މިތަފާސް ހިސާބަށް ބަލާއިރު, އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބަށް 145 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފައެވެ. މިކަމަށް ރިއާޔަތް ކުރާނަމަ ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ކަމާ ބެހޭ އިދާރަތަކުން ލަފާކުރެއެވެ. މިއާއެކު ދައުލަތުގެ ބަޖެޓަށް ލުއިވެ, މިފައިސާއިން ރައްޔިތުންނަށް މުހިންމުވާ އެކި ކަންކަން ހިންގުމަށް ބޭނުންވާ ހަރަދުތައް ކުރެވޭނެއެވެ.

2008 އިން ފެށިގެން އިނތިހާބުތަކަށް ކުރި ހަރަދު ދައްކުވައިދޭ ޗާޓެއް

ކޮންމެ އިންތިހާބަކަށް އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކަށް ބަލާލިނަމަވެސް ދެ އިންތިހާބު އެއްކޮށްލުމުން އިންތިހާބުގެ އެންމެހައި ކަންކަމުގެ ލޮޖިސްޓިކްސް އަށް ހޭދަ ކުރާ ވަގުތާއި ހަރަދު ލުއި ކުރެވިގެން ދާނެއެވެ. ދެން އޮތީ ކޮންމެ އިންތިހާބަކަށް ހަރަކާތްތެރިވާ މުވައްޒަފުން ހޯދުމާއި, މުވައްޒަފުންނާއި އޮފިޝަލުން ތަމްރީނު ކުރުމެވެ. މިކަން ވެސް ދެ އިންތިހާބު އެއްކޮށްލުމުން ލުއިވެގެން ދާނެއެވެ.

ދެ އިންތިހާބު އެއްކޮށްލުމުން ސިޔާސީ ޕާޓީތަކަށް ލުއިވޭތަ؟

ދެއިންތިހާބު އެއްކޮށްލުމުން ސިޔާސީ ޕާޓީތަކުން ކޮންމެ އިންތިހާބެއްގެ ކެމްޕެއިނަށް ކުރާ ހަރަދުވެސް ލުއިވެގެން ދާނެއެވެ. އެއް ކެމްޕެއިނެއްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓް އަދި މަޖިލިސް މެންބަރުންނަށް ކެމްޕޭނު ކުރުމުން ސިޔާސީ ޕާޓީތަކަށް މާލީގޮތުން އެ ލިބޭ ލުޔާއެކު ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާކޮށް, ޕާޓީތަކުގެ ވަސީލަތްތައް ރަނގަޅުގޮތުގައި ބޭނުން ކުރެވި, ސިޔާސީ ހަރަކާތްތައް މިހާރަށްވުރެ ބޮޑަށް އިންތިޒާމު ވެގެން ދާނެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބަށްފަހު ވަގުތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންތައް ފެށުމުން, ގައުމު އަބަދުވެސް އޮންނަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. ނުވަތަ 'އިންތިހާބީ ހުމެއް' ގައެވެ. ދެ އިންތިހާބު އެއްކޮށްލުމުން މިހަލަބޮލިކަން ނިމި, ސިޔާސީ ޕާޓީތަކަށާއި, ރައްޔިތުންނަށް އަމާން މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބެއެވެ.

އެހެން ގައުމުތަކުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން

ރާއްޖޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ނިންމައިފިނަމަ, ރާއްޖެ ވެގެން ދާނީ ދެ އިންތިހާބު އެއްކޮށް ބާއްވާ ހަމައެކަނި ގައުމަކަށް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ އަދި ތަރައްގީވަމުން އަންނަ ރިޔާސީ ނިޒާމު އޮންނަ ވަރަށް ގިނަ ގައުމުތަކެއްގައި މިކަން ކާބިޔާބުކަމާއެކު ދަނީ ކުރަމުންނެވެ.

އެގޮތުން ބަލާލައިލާއިރު, އިންޑޮނީޝިއާ, ބްރެޒިލް, ފިލިޕީންސް, އާޖެންޓީނާ އަދި މެކްސިކޯ ވެސް މިލިސްޓުގައި ހިމެނެއެވެ. މީގެއިތުރުން އުރުގުއޭ, ކެންޔާ, ނައިޖީރިޔާ އަދި އެމެރިކާވެސް މި ލިސްޓުގައި ހިމެނެއެވެ.

ދެ އިންތިހާބު އެއްކޮށްލުމުން ލުޔެއް ލިބޭތަ, ފައިދާއެއް ވޭތަ؟

ދެ އިންތިހާބު އެއްކޮށްލުމުން ހަރަދު ކުޑަވުން ވާނީ އެންމެ ބޮޑު އެއް ލުޔަށެވެ. ދެ އިންތިހާބު އެއްކޮށްލުމުން ވޯޓު ކަރުދާސް ޗާޕު ކުރުމާއި, އޮފިޝަލުން ތަމްރީނު ކުރުމާއި, ދަތުރުފަތުރާއި ލޮޖިސްޓިކްސް އަށް ހޭދަވާ ވަގުތާއި ހަރަދު އެއްކޮށްލައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެއެވެ.

5 އަހަރުގެ ތެރޭގައި 3 އިންތިހާބު ބާއްވާއިރު ގައުމު އަބަދު މިއޮންނަނީ ކޮންމެވެސް ކެމްޕެއިން މޯޑެއްގައެވެ. މީގެ ސަބަބުން ސަރުކާރުން ޕްލޭން ކުރާ ތަރައްގީގެ މަސައްކަތްތަކަށް ފޯކަސް ނުކުރެވި, ފަށާ މަސައްކަތްތައް ނުނިމި މަޑު ޖެހިގެން ދިއުމާއި އިޖުތިމާއި ބައިބައިވުން އިތުރުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށްލައިފިނަމަ, މި ހަލަބޮލިކަން ކުޑަވެ, ގައުމު ބިނާ ކުރުމަށް ސަރުކާރަށާއި, ރައްޔިތުންނަށް ފުރުސަތު ލިބިގެން ދާނެއެވެ.

މަޖިލީސް20: މަޖިލީސް އިންތިހާބުގައި މީހަކު ވޯޓުލަނީ / ފައިލް ފޮޓޯ: ދަ ޕްރެސް

ގާތްގާތުގައި އިންތިހާބުތައް އޮތުމުން ރައްޔިތުން ވޯޓުލާން ފޫހިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިކަން މިގޮތަށް ވާނަމަ, ވޯޓުލާ ނިސްބަތް ދާނީ މަދުވަމުންނެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށް ބޭއްވުމުން ދެ އިންތިހާބުގައިވެސް ވޯޓުލާ މީހުންގެ އަދަދު މަތިވުމަށް މަގުފަހިވެއެވެ. ވޯޓުލާން ނިކުންނަން އެންމެ އުނދަގޫ މީހާ އަށްވެސް, އެއްދުވަހުން ބޮޑު ހުރިހާ އިންތިހާބެއް ނިމޭނަމަ, ވޯޓުގައި ބައިވެރިވާންވެސް ފަސޭހަވާނެއެވެ.

ދެން މިއޮތީ ދެ އިންތިހާބު އެއްކޮށްލައިފިނަމަ ރައްޔިތު މީހާ އަށް އިތުރަށް ލިބޭނެ ލުއިތަކުގެ ވާހަކައެވެ. އިންތިހާބުގެ ކެމްޕެއިނާއި ވޯޓުލުމުގެ ކަންކަމުގައި މާލެ އާއި, އެކި ރަށްރަށުގައި ދިމާވާ ކާރޫބާރު ބޮޑުވުމުގެ މައްސަލަ އަކީ ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހޭ ކަމެކެވެ. ދެ އިންތިހާބު އެއްކޮށްލައިފިނަމަ, މިފަދަ ދަތިތަކަށްވެސް ލުޔެއް ލިބޭނެއެވެ. އަދި މިނިމުނީކީ ނޫނެވެ. ދެ އިންތިހާބު އެއްކޮށްލުމުން, އަބަދު ސިޔާސީ ވާދަވެރިކަމުގެ މަންޒަރުތައް ފެނި, ސްކޫލް ކުދިންނަށް ކުރާ ނޭދެވޭ އަސަރުތައްވެސް ކުޑަކުރެވިގެން ދާނެއެވެ. މީގެއިތުރުން ކައިރި ކައިރީގައި ގިނަ އިންތިހާބު ބާއްވާއިރު, ރައްޔިތު މީހާގެ އާންމު ދިރިއުޅުމަށްވެސް ބުރޫ އަރާކަމީ ގިނަ ބަޔަކު ހަމަ ދައްކާ ވާހަކައެވެ. ގައުމު އަބަދު ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮވެ, ސިޔާސީ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށްވެސް ދިރިއުޅުމުގެ އެހެން ކަންކަމަށާއި އާއިލާއަށް ދެވޭނެ ވަގުތެއް ނޯވެއެވެ.

ރާއްޖެފަދަ ކުޑަ މުޖުތަމައެއްގައި އިންތިހާބު ތަކަކީ އާއިލާތަކާއި, ރަށްރަށުގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދޭ ކަމަކަށް ވާއިރު, ފަސް އަހަރުން އެއްފަހަރު ހުރިހާ ބޮޑު ވޯޓެއް ނިންމާލުމަކީ މުޖުތަމައުގެ ބަދަހިކަން ދަމަހައްޓައި, ސިޔާސީ ވާދަވެރިކަމުގައި އުފެދޭ ހަސަދަވެރިކަމާއި ދެބަސްވުންތަކުގައި ހޭދަވާ ވަގުތު ނައްތާލެވިދާނެ ކަމެކެވެ. ދެ އިންތިހާބު އެއްކޮށްލުމުން, ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށާއި, ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވިގެން ދިއުމަށްވެސް މަގުފަހިވާނެއެވެ.

ތާރީހީ ގޮތުން ކަންކަންވެފައި އޮތް ގޮތްތަކަށް ބަލާއިރު, ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް މެޖޯރިޓީ ނުލިބޭ މަޖިލީހެއްގެ ދައުރު ހަމަވާ އެންމެ ފަހު ހައެއްކަ މަހާ ކުރިމަތިލައި, ވަޒީރުންނަށް ރުހުން ނުދިނުމާ, ބަޖެޓު ފާސްކުރަން ދަތިކުރުމާ, މަޝްރޫއުތައް ފައްޓަން ދަތިކުރުމާ, ރައީސް އަޒުލުކުރަން މަސައްކަތް ކުރުން ފަދަ އެތައް ކަމެއް އޮތީ ފެނިފައެވެ. މިއާއެކު އެތައް އުންމީދަކާއެކު އަލަށް ގެންނަ ސަރުކާރު އޮންނަނީ ހުއްޓިފައެވެ. މިހެންކަމުން މިތަޖުރިބާ ތަކުރާރުވިޔަ ނުދިނުމަށް, އީޖާބީ ބަދަލެއް ގެނެވޭނީ ދެ އިންތިހާބު އެއްކޮށްލައިގެންކަމީ ދެބަސްވެވޭނެކަމެއް ނޫނެވެ.