އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ނަގަން، އިމަޖެންސީގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން ބުނީ ހިތަދޫ ބޮޑު މަގުގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް ކާރެއްގައި ޖެހިގެން އެކްސިޑެންޓުވެފައިވާ މައްސަލަ ރޭ 21:59 ގައި ހުށަހަޅާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައި ނުވާއިރު މި ކާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެމްބިއުލާންސަކީ އައްޑޫ ސިޓީ ހިތަދޫ ޑެއިޒީ މަގާއި އެޅެދީދީ މަގު ގުޅުނު ކަންމަތިން 2 ސައިކަލް ޖެހި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ނަގަން ދިޔަ އެމްބިއުލާންސެކެވެ. ދުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަވެސް ރޭ 21:40 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި 2 ސައިކަލުގައި ތިބި 4 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހުންނަށް ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު 2 އުޅުނދުވެސް ދުއްވާފައިވަނީ އީ ކެޓަގަރީގެ ލައިސަންސް ނޮއޮންނަ ދެމީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ދެ އެކްސިޑެންޓުގެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އައްޑޫ ސިޓީގައި އެކްސިޑެންޓްތައް ގިނަވަމުން އަންނައިރު، އެ ސިޓީގައި ޓްރެފިކް ގަވައިދުތަކައް ހުރުމަތްތެރިކޮށް ނުހިތާ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ. އެ ގޮތުން ބޮޑެތި އުޅަނދުތައް މަގުމަތީގައި އެއްވެސް އުސޫލެއްނެތި ޕާކު ކުރުމާއި، ލައިސަންސް ނެތި ދުއްވުމުގެ މައްސަލައިގެ އިތުރުން ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަ ބޮޑުކަން ފާހަގަކޮށްލެވެއެވެ.