މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަމުންދާ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފިއެވެ.

އެމްއެމްއޭ އިން 20 ރުފިޔާގެ އާ ސްޓޮކެއް ގެނެސްސްފައިވަނީ ނަގުދު ފައިސާގެ މުއާމަލާތްތައް ގިނަވުމުގެ ސަބަބުން ބޭންކުތަކާ، ވިޔަފާރިތަ ކަށް 20 ރުފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށެވެ.

މިއަދު އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު 20 ރުފިޔާގެ އާ ސްޓޮކެއް އެއޮތޯރިޓީ އަށް ގެނެސްފައިވާ ކަމަށެވެ.

މި މަހުގެ ދެވަނަ ދުވަހު 100 ރުފިޔާގެ އައު ސްޓޮކެއްވެސް ގެނެސްފައިވާއިރު އެމްއެމްއޭއިން ބުނީ 100 ރުފިޔާގެ ނޫޓުގެ ސްޓޮކް ވެސް މަދުވުމާ ގުޅިގެން މި މަހުގެ ކުރީކޮޅު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ.

ފައިސާގެ ނޫޓުތަކުގެ ސްޓޮކް މަދުވާ ހާލަތްތަކުގައި އައު ސްޓޮކް ޕްރިންޓްކޮށްގެން ގެނައުމަކީ މަރުކަޒީ ބޭންކުތަކުން އާއްމު އުސޫލުން ކުރާ ކަމަކަށްވާއިރު އެމްއެމްއޭ އިން ބުނީ މިއީ އިގްތިސާދުގެ ތެރެއަށް އިތުރަށް ފައިސާ ނެރުން ނޫންކަމަށެވެ. އަދި މިއީ ހަމައެކަނި ބޭނުންކުރަމުން ދާ ފައިސާގެ ސްޓޮކް ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެމްއެމްއޭ އިން އާ ނޫޓެއް ތައާރަފް ކުރީ ޖެނުއަރީ 26، 2016 ގަ އެވެ. އެ ނޫޓު ހަދާފައިވަނޯ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.