ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފެށިތާ 10 ވަރަކަށް ދުވަސް ތެރޭ މާލެ ސިޓީގައި އެކަނި ވެސް 27،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ބަހައިފިއެވެ.
ސިޓީސް، ލޯކަލް ގަވަމަންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާބެހުން މިއަހަރު ކުރިއަށް ދަނީ ވަރަށް ހަލުވިކޮށް، އޮމާންކަމާ އެކުކަމަށެވެ.
އެގޮތުން މިވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެކަނި 27000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފާވާކަމަށާއި މިއީ ވަރަށް ބޮޑު ތަރުޙީބެއްކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. މާލޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކުވެސް ރޯދަ ހަދިޔާ ބަހާނެކަމަށް ފާހަގަކޮށް މިނިސްޓްރީން ބުނީ މި ފަހަރު ހަމަޖެއްސި އިންތިޒާމުތަކުގެ ދަށުން، ރޯދަ ހަދިޔާއާ ހަވާލުވާން އަންނަ ކޮންމެ ރައްޔިތަކަށް 5 ވަރަކަށް މިނިޓު ތެރޭ ހަދިޔާ ހަވާލުކުރާނެކަމަށެވެ.
ރޯދަމަހަށް ހާއްސަކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާ ބަހަން ފެށީ މި ސަރުކާރުންކަމަށާއި މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ ކަމެއްްކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ރޯދަ ހަދިޔާ ބަހަން ފެށިތާ ދެ އަހަރު ވެފައިވާކަމަށް ފާހަގަކޮށް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ރޯދަ ހަދިޔާ ބަހަން ފެށި ހަފްތާ ކިޔޫ ދިގުވެ، ހަދިޔާއާ ހަވާލުވާން ގިނަވަގުތު ނަގާތީ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވި ނަމަވެސް، އެކަން ސަރުކާރުން ހައްލުކުރިކަމަށެވެ.
މި ފަހަރު މިފަދަ އެއްވެސް ދަތިކަމެއް ދިމާނުވާކަމަށާއި ރޯދަ ހަދިޔާ ބެހުން ރައްޔިތުންގެ ބޮޑު ތަރުހީބަކާއެކު ކުރިއަށް ދިއުމަކީ ފާހަގަކުރަން ޖެހޭ މުހިންމު ކާމިޔާބީއެއްކަމަށް ތަކުރާރުކޮށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ދޫކުރަން ފެށީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެފަހުން އަތޮޅުތަކަށް ވެސް މަސް ދަޅު ކޭސް ބެހުމަށް ފޮނުވާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
