ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަވީރަށް ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުންގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަވީރު 5:30 އަށް ހަމަވިއިރު ޖުމުލަ 3،547 މީހަކު ކުރިމަތިލިއެވެ.
އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1،936 މީހުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފޯމު ހުށަހެޅި 1،611 މީހުންނެވެ.
އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވެ، ކެންޑިޑެސީ ގަބޫލުކުރީ 1،610 މީހުންގެ އެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1،383 މީހުން ކަމަަށް އެ ކޮމިޝަނުން ބުންޏެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖެނުއަރީ 17 ގައެވެ.
