ސިއްހަތަށް ސަމާލުކަން ދިނުމަކީ އަބަދުވެސް ކުރަން މުހިންމު ކަމެއް ނަމަވެސް ރޯދަ މަހު މިއީ ވަކިން ހާއްސަކޮށް އިސްކަން ދޭން ޖެހޭ ކަމެކެވެ. ކެއުމަށް ބޮޑެތި ބަދަލުތަކެއް ރޯދަ މަހު އަންނަ އިރު ސިއްހަތަށް ފައިދާވާނެ ފަދަ ތަކެތި ކެއުމަށް ސަމާލުކަން ދޭން ޖެހެއެވެ.

އެހެންކަމުން "ޕްރެސް ބަދިގެ" ސެގްމެންޓުގައި މިއަދު މި ކިޔާލަދެނީ ސިއްހަތަށް ފައިދާހުރި ފްރުޓު ޕުޑިން ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 މިކްސް ފްރުޓު ދަޅު (ނުވަތަ ކުދިކޮށް ކޮށާފައި ހުރި ފްރުޓްސް)
  • މާރީ ބިސްކޯދު
  • 2 މޭޒުމަތީ ސަމްސާ ބަޓަރު
  • ކޯން ފްލޯ
  • ސްޓްރޯބެރީ
  • ކެޝޫ ނަޓް
  • 3 ބިހުގެ ގޮބޮޅި
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • 3/2 ޖޯޑު ހަކުރު
  • ލޮނު
  • 2 ޖޯޑު ކިރު
  • ބަޓަރު

ތައްޔާރުކުރާނެ ގޮތް:

ހަކުރާއި، ކޯން ފްލޯ އަދި ލޮނު އެއްކޮށްލުމަށްފަހު ކިރު އަޅާ ގިރާލާށެވެ. އެއަށްފަހު ބިހުގެ ގޮބޮޅިތައް އަޅާލުމަށްފަހު އަނެއްކާވެސް ރަނގަޅަށް ގިރާލާށެވެ. ދެން މި ތަކެތި މަޑު ގިނީގައި ކައްކާލާށެވެ. ކައްކަމުން ދާވަރަކަށް އޮލަވާން ފަށާނެއެވެ. ކުޑަކޮށް އޮލަވާން ފެށުމުން ބަޓަރު އަދި ވެނީލާ އެސެންސް އަޅާށެވެ.

ދެން ފިނި ކުރުމަށްޓަކައި ފްރިޖަށް ލާށެވެ. އެއަށްފަހު ޑެސާޓް ތައްޓެއްގައި މާރީ ބިސްކޯދު ލޭޔާއެއް އަތުރާލާށެވެ. ދެން ބިސްކޯދުތަކުގެ މައްޗަށް ކުރިން ތައްޔާރުކުރި ޕުޑިން އަޅާށެވެ. އަނެއްކާވެސް މި ޕުޑިން ލޭޔާގެ މައްޗަށް ބިސްކޯދު ލޭޔާއެއް ޖަހާށެވެ. އެއަށްފަހު އޭގެ މައްޗަށް ޕުޑިން އަޅާށެވެ. މިފަދައިން 3 ނުވަތަ 4 ލޭޔާ ވަރު ހަދާލާށެވެ. އެންމެ މައްޗަށް ސްޓްރޯބެރީ ފޮތި ކުރުމަށްފަހު ރީތިކޮށް އަތުރާލާށެވެ.

އެއަށްފަހު ފްރިޖްއަށް ފިނިކުރަން ލާށެވެ.