އިބްތިހާޖް މުހައްމަދު އުފަންވީ ޑިސެމްބަރު 4، 1985ގައެވެ. އޭނާ އަކީ އެމެރިކާގެ ފެންސިން ޓީމުގެ ބައިވެރިއެކެވެ. ލިޔުންތެރިއެއްގެ އިތުރުން ވިޔަފާރިވެރިއެކެވެ. އަދި އޮލިމްޕިކް މެޑަލިސްޓެކެވެ. އޭނާގެ މައިންބަފައިންނަކީ އެފްރިކަން އެމެރިކަން ނަސްލުގެ ބައެކެވެ. އުމުރުން 13 އަހަރުގައި އިބްތިހާޖް ފެންސިން ފެށީ ކޮލަމްބިއާ ހައި ސްކޫލް ގައި ކިޔަވަން އުޅުނު ދުވަސްވަރުއެވެ. ނިއު ޖާޒީގެ މެޕްލްވުޑްގައި ބޮޑުވި އިބްތިހާޖް ވަނީ ފެތުމާ، ވޮލީ، ޓެނިސް، އަދި ސޮފްޓްބޯޅަ ފަދަ ކުޅިވަރުތަކުގައި ބައިވެރިވެފައެވެ.
އިބްތިހާޖް، 2010 ވަނަ އަހަރު އެމެރިކާގެ ފުރަތަމަ ނޭޝަނަލް ފެންސިން ޓީމަށް ކޮލިފައިވިއިރު، އޭނާ ވެގެން ދިޔައީ އަންހެން ސޭބާ ޓީމުން ޖާގަ ލިބުނު ކަޅު ނަސްލުގެ ފުރަތަމަ އަންހެން މީހާއަށެވެ. ސޭބާ އިވެންޓުން އޮލިމްޕިކް މެޑަލް ހޯދި ފުރަތަމަ ކަޅު ނަސްލުގެ އަންހެން މީހާގެ މަގާމާއެކު އިބްތިހާޖް ވަނީ ވިމެންސް ސޭބާ ޓީމް އިވެންޓުން ރިހި މެޑަލްވެސް ހޯދާފައެވެ. އަދި ވޯލްޑް ފެންސިން ޗެމްޕިއަންޝިޕްގައި، އެމެރިކާގެ އަންހެން ސެބާ ޓީމަށް އިބްތިހާޖް ވަނީ 5 ފަހަރު މެޑަލް ހޯދައިދީފައެވެ.
އިބްތިހާޖް ކުރިއަށް ދިއުމަށް ފެންސިން ހިޔާރުކުރި ސަބަބުތައް ގިނައެވެ. އެ ކުޅިވަރުގައި ބޭނުންކުރާ ހެދުމަކީ މުޅި ހަށިގަނޑު ނިވާވާ ހެދުމެއްކަމުން ހިޖާބުގައިވެސް އެ ކުޅިވަރު ކުޅުމަށް އެއްވެސް ހުރަހެއް ނެތެވެ. އެހެންނަމަވެސް ކުޅިވަރުގެ މައިދާނުގައި އޭނާއަށް ގިނަ ފުރައްސާރަތައް ކުރިމަތިވިއެވެ. ކަޅު ނަސްލުގެ މީހަކަށްވުމުގެ އިތުރުން މުސްލިމަކަށްވުމުން ގިނަ ބައެއްގެ ފުރައްސާރަ ކުޅިވަރު މައިދާންތަކުގައި އޭނާއަށް ކުރިމަތިވިއެވެ.އަމިއްލަ ކުޅިވަރުގައި ރޯލް މޮޑެލްތައް ނެތުމުން، ކަޅު ނަސްލުގެ ޓެނިސް ތަރިން ކަމަށްވާ ވީނަސް އާއި ސެރީނާ ވިލިއަމްސްއަކީ އޭނާގެ ރޯލް މޮޑެލުންނެވެ.
މީގެ އިތުރުން އިބްތިހާޖް ވެގެންދިޔައީ ބުރުގާ އަޅައިގެން ހުރެ 2016 ވަނަ އަހަރު، އޮލިމްޕިކްސްގައި އެމެރިކާ ތަމްސީލުކުރި ފުރަތަމަ އެތުލީޓަ ށެވެ. އަދި އެމެރިކާގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ފުރަތަމަ އޮލިމްޕިކްސް މެޑަލް ހޯދި އެތްލީޓަކީވެސް އިބްތިހާޖްއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސްޕޯޓްސް އެމްބެސެޑަރެއްގެ އިތުރުން ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި އޭނާގެ ވަނީ ހިމެނިފައެވެ. މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ތައުލީމާ ކުޅިވަރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ހޭލުންތެރިކަމުގެ ގިނަ ހަރަކާތްތަކެއްގައި އޭނާ ވަނީ ބައިވެރިވެފައެވެ. އަދި އިބްތިހާޖް ވަނީ 2025 ވަނަ އަހަރު ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނާއެކު މަސައްކަތްކޮށްފައިވެއެވެ.
ކުޅިވަރުގެ ދާއިރާގެ އިތުރުން އިބްތިހާޖް އަކީ ވަރުގަދަ މޮޅު ލިޔުންތެރިއެކެވެ. އޭނާގެ ފޮތްތަކުގެ ޒަރީއާއިން މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން އަންނައިރު އޭނާ ވަނީ އިސްލާމް ދީނާ، ބުރުގާ އެޅުމާ އަދި އިންސާނީ ހައްގުތަކާއި ގުޅޭ ގިނަ ވާހަކަތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައެވެ.
މިހާރު ގަތަރު ފައުންޑޭޝަންގެ ކްރިއޭޓިން ޕެތްވޭސް ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ގޮތުގައި ދޯހާގައި މަސައްކަތްކުރަމުން އަންނަ އިބްތިހާޖް އަންނަނީ ޒުވާން އަންހެން ކުދިންނަށް މުޖުތަމައުގައި އިތުބާރާ، ހިތްވަރާ، މަގުސަދު ހޯދުމަށް އެހީތެރިވެދެމުންނެވެ. އިބްތިހާޖް ބޭނުންވީ އޭނާއަށް ކުޅިވަރުގެ މައިދާނުގައި އެފްރިކަން އެމެރިކާގެ މުސްލިމް އަންހެނަކަށްވުމުން ދިމާވި ހުރަސްތަކުގެ ވާހަކަ ދުނިޔެއަށް ހާމަކޮށްދޭށެއެވެ. ކުރިއަށް އޮތް ޖީލުތަކުގައި އޭނާ ފަދަ އެތައް އަންހެނުންނަށް ކުރިއަށް ދާންވީ މަގު ކޮށައިދިނުމަށް އިބްތިހާޖް ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2012 ވަނަ އަހަރު މުސްލިމް ވިމެންސް ފައުންޑޭޝަނުން ވަނީ އޭނާ އަށް އިންޓަނޭޝަނަލް ސްޕޯޓްސް ވިމެން އޮފް ދި އިޔާގެ އެވޯޑު ދީފައެވެ.
ޒުވާން އަންހެން ކުދިންނަށް ހިތްވަރާ ނަމޫނާއެއްކަމުގައިވާ އިބްތިހާޖްއަށް ނިސްބަތްކޮށް، ބާބީ ޑޯލް ކުންފުނިން، ބުރުގާ އެޅި ބާބީ އުފައްދާފައިވާއިރު އޭނާ ވަނީ ދިރިއުޅުމުގެ މައިދާނުގައި ދިމާވި ގޮންޖެހުންތަކާއެކު އެކުވެސް ފަހަތަށް ނުޖެހި، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާގެ ދީނީ އިމުގެ ތެރޭގައި، ހިފަހައްޓާ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. ހިޖާބަކީ ކުރިއެރުމަށް އޮތް ހުރަހެއް ނޫން ކަން ސާބިތުކޮށްދީފައެވެ. ކުޅިވަރުގައި މުސްލިމް އަދި އެފްރިކަން އެމެރިކާގެ އަންހެނުންނަށް ކުރިއަށް ދެވިދާނެކަން އިބްތިހާޖްވަނީ ދައްކަދީފައެވެ.
