އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅުތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ޓްރެއިނަރުން އަތޮޅުތަކަށް ދަތުރުކުރަން ފަށާފައިވާކަމަށެވެ. އެގޮތުން އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެ އާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މިމަހުގެ 15 ވަނަ ދުވަހު ފަށާނެ ކަމަށާއި، މި ތަމްރީނުތަކުގައި ވޯޓުލާ ދުވަހު މަރުކަޒުތަކުގައި ކަންކަން ކުރިއަށްގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މަޢުލޫމާތު ދޭނެ ގޮތުގެ އިތުރުން ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓުގުނުމުގެ ކަންކަން ދަސްކޮށްދެވިގެންދާނެ ކަމަށެވެ.

އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިވާ ޓްރެއިންރުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް ސަލާހު ވިދާޅުވީ ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އިންތިހާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިހާބީ އޮފިޝަލުންނަށް ބޭނުންވާ މައުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން ތަމްރީނު ފުރިހަމަކުރި ބޭފުޅުންނަކީ ކޮމިޝަނުން ބުނަން ބޭނުންވާ މެސެޖެއް އެ ބުނި ގޮތަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަަން ފާހަގަކުރައްވާ ސަލާހު ވިދާޅުވީ، މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ހައްގުތަަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ ކަމަށެެވެ.

ފާހަގަކުރެވޭ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހައްޓާނެއެވެ.

މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި ބަހައްޓާނެއެވެ. މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރެވޭނެއެވެ.