މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާ ކުރަން ދާ ފަރާތްތަކަށް ތާއިފް ދަތުރުގެ ހުރި ބުރައާއި ތަކުލީފްތައް ކޭބަލް ކާރު މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މައްކާގެ އަހުލުވެރިންނަށް އިސްލާމްދީނަށް ގޮވާލެއްވުމުގައި ސިއްރާ ފާޅުގައި ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ކުރެއްވި މަސައްކަތްޕުޅަށް ގޮންޖަހަމުން ދިޔަނަމަވެސް މައްކާގެ ތެރޭގައި ކީރިތި ރަސޫލާއަށް ނަސްރު ދޭނޭ މަދަދުވެރިޔަކު ނެތެވެ. އެހެންކަމުން އިސްލާމްދީން ހިމާޔަތްކޮށް ދީނަށް ނަސްރު ދޭނޭ ބާރުވެރި ފަރާތެއް ހޯއްދެވުމަށް އިތުރު އެކަލޭގެފާނު ތާއިފަށް ވަޑައިގަންނަވަން ނިމެވިއެވެ.

މައްކާއާ 96 ކިލޯމީޓަރު ދުރުގައި ފަރުބަދަ މަތީގައި އޮންނަ ތާއިފަށް ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ ވަޑައިގެންނެވީ ހިންގަވާފަ އެވެ. އަދި އެ އަވަށުން އެކަލޭގެފާނު މައްކާއަށް ވަޑައިގެންނެވީ ވެސް ހިންގަވާފަ އެވެ. އުންމަތެއް ބިނާ ކުރެއްވުމުގެ ހިއްވަރާއި އަޒުމުގަ އެވެ.

މި ދަތުރަކީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ތަޖުރިބާކުރެއްވި އެންމެ ހިތާމަވެރި ދަތުރެވެ. ދަތުރުގައި އެ އަވަށުގެ ބޮޑުންނާއި އާންމު މީހުންނަށް އެކަލޭގެފާނުގެ ނަބީކަމުގެ ދައުވަތު އިއުލާން ކުރައްވައި އިސްލާމް ދީނަށް ގޮވާލެއްވުމުން އެރަށުގެ ބޮޑުން ނިކުމެ އެކަލޭފާނަށް އަނިޔާ ކުރި އެވެ.

ތާއިފް، މައްކާއިން ތާއިފަށް ދެވެނީ 1 ގަޑީރާއި 30 މިނެޓުން

އެ އަވަށުގެ މީހުން ނެރެގެން އެކަލޭފާނަށް ހުތުރު އެއްޗެހި ގޮވައި ގަލުން ތަޅައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބަލި ކޮށްލަން މަސައްކަތް ކުރި އެވެ. މިކަމުގެ ސަބަބުން އިތުރު އެކަލޭގެފާނުގެ ފައިންޕުޅުން ލޭ ފޮދު އޮހޮރިގެން ދިޔަ އިބުރަތުން ފުރިގެންވާ ދަތުރުފުޅެކެވެ.

މައްކާއިން ތާއިފަށް 1 ގަޑިއިރާ 30 މިނެޓުން ދެވޭއިރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާއަށް ދާ ފަރާތްތަކަށް ތާއިފް ދަތުރުގެ ހުރި ބުރައާއި ތަކުލީފްތައް ކޭބަލް ކާރުގައި ދައްކުވާދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި މިއީ މިފަދަ ދަތުރެއްގެ މައުލޫމާތު އެންމެ ފުރިހަމައަށް އުމްރާވެރިންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެ ކޯޕަރޭޝަނުން ނިންމި ނިންމުމެއް ކަމަށް ވެއެވެ.

މީގެ އިތުރުން ވެސް އެ އަވަށުގައިވާ ދޫނި ޕާކުގެ ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް އެ ކޯޕަރޭޝަނުން ވަނީ އުމްރާވެރިންނަށް ފަހި ކޮށްދީފައެވެ.

ތާއިފްގެ ދޫނި ޕާކަށް، ހައްޖު ކޯޕަރޭޝަންގެ އުމްރާވެރީން ޒިޔާރަތްކުރުން / ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖާއި އުމްރާގެކަންކަން އިތުރަށް ފަހި ކޮށްދިނުމުގެ މަގްސަދުގައި ދާދިފަހުން އެ ކޯޕަރޭޝަނުން ވަނީ ސައުދީ އަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހައްޖާއި އުމްރާގެ ކަންކަމުގައި ޙައްޖު ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

އަލް-ސަފްވާ ފައުންޑޭޝަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިހީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެވެ. އެ ފައުންޑޭޝަނާއެކު މި ވެވުނު އެއްބަސްވުމާއެކު ހައްޖު ކޯޕަރޭޝަނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.