މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަންވެސް ފުރުއްވާފައިވާ ސާޖިދަށް އެފަދަ ތުހުމަތު ތަކެއް ކުރެވިގެން މިދިޔަ ޑިސެމްބަރު މަހު ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ސަސްޕެންޑު ކުރި ވަކި ސަބަބެއް އޭރު ހާމަ ކޮށްފައިނުވެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑު ކުރީ އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލައާއި ގުޅިގެންނެވެ. އަދި މި މައްސަލަ މިހާރު ފުލުހަށް ހުށަހެޅުމުން އެ އިދާރާއިން ދަނީ މައްސަލަ ބަލަމުންނެވެ.

އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު ހަމަޖައްސާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް ބަދަލުކޮށްފައި ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރުމަށްފަހު އެވެ. މި ބަދަލު ގެނައީ އެމްއެމްއޭގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ކަމަށް އެމްއެމްއޭއިން އޭރު ވަނީ ބުނެފައެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ހަރަދުކުރުމާއި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ހަދާފައިވާ އެމްއެމްއޭގެ ޔުނިޓެކެވެ. އެ މަގާމަށް އައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.