ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އެތަކެތި އެތެރެކުރި ކުންފުނީގެ ވެރިޔާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ، ރާސް މޯލްޑިވްސްގެ ނަމުގައި ރާއްޖެ ގެނައި މުދާތައް ބަލައި ފާސްކުރިއިރު ޗޮކްލެޓް ސިރަޕްފުޅި ތަކެއްގެ ތެރެއަށް މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހަޝިޝް އޮއިލް އަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެކަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގދ.ތިނަދޫ، ގޯލްޑަން ހައުސް މުހައްމަދު އާދިލް (57އ)ކަމަށެވެ.

ފުލުހުން ބުނީ އެންމެ ފުރަތަމަ، ތަހުގީގު ބޭނުމަށް އާދިލް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދީފައިވަނީ 5 ދުވަސްކަމަށެވެ. އަދި ފުރަތަމަ ދިން 5 ދުވަސއ ހަމަވާތީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި މުހައްމަދު އާދިލްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ރާސް މޯލްޑިވްސްގެ މުދާ ކްލިއާ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީމެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމީނޭޝަނަށް އެންގި ހއ.ހޯރަފުށީ، އާފިޔާ، އަހްމަދު އަލީ (47އ) އެވެ. އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.