ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށާ، ޕާޓީން ވަކުވުމަށް ބޭނުންވާ ފަރާތްތަކަށް، މިއަދު އަމަލުކުރަން ފެށި އާ އުސޫލާއެކު ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މިއަދުން ފެށިގެން ސިޔާސީ ޕާޓީގެ ދަފުތަރުގައި މެންބަރުން ރަޖިސްޓްރީކުރުމާ، ސިޔާސީ ޕާޓީގެ ދަފުތަރުން މެންބަރުކަމުން ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއަކުން، އެޕާޓީގެ މެންބަރަކު ޕާޓީގެ ދަފްތަރުން އުނިކުރުމަށް އެދި ހުށަހެޅުމުގެ އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މީގެ ކުރިން ކޮމިޝަނުން ސިޔާސީ ޕާޓީގެ ދަފްތަރުން މެންބަރަކު ވަކިކުރަނީ، ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް އީސީން މިހާރު ވަނީ ޕާޓީތަކުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށާ، ޕާޓީން ވަކުވުމަށް ބޭނުންވާ ފަރާތްތަކަށް އިތުރަށް ލުއިފަސޭހަތަކެއް ދިނުމަށް ނިންމާފައެވެ.
އެގޮތުން ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓްތައް ޕްރޮސެސް ކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާޓީއިން ރިކުއެސްޓް ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީވާނެ ކަމަަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން މިހާރު ބަދަލު ގެނެސްފައިވާކަން ފާހަގަކޮށް އީސީން ބުނީ ކޮމިޝަނުގައި ދަފްތަރު ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަގާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާ ނަމަ، ކޮމިޝަނުގައި ދަފުތަރު ކޮށްފައިވާ ސިޔާސީ ޕާޓީގެ އިސްމަގާމުން ވަކިވުމަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އީސީން ބުނީ ރައްޔިތުންގެ ވޯޓުން ހޮވާ އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ޕާޓީން ވަކިވާން ޕޯޓަލް މެދުވެރިކޮށް އެދުމުން މިއަދުން ފެށިގެން ވަގުތުން ޕާޓީން ވަކިކޮށްދޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން، އެޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދީފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓު ކުރުމުން ޕާޓީން ވަކިވާނެ ކަމަށެވެ.
