ބިންވެރިޔާ ސްކީމްގެ ދަށޫން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންގެ މެދުގައި އާ ޕްލޮޓް އެލޮކޭޓް ކުރުމަށް ގުރުއަތުލުން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެސް، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށްފައި ވާތީ، އެ ޕްލޭންއަށް ރިއާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ވަނީ ބަދަލު އައިސްފައި ކަމަށެވެ އެގޮތުން އާ ލޮޓް ނަންބަރު ކަނޑައަޅައި މި ބަދަލާއި ގުޅިގެން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އާ ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓު 24 ގޯތި

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް، ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ، އެގޮތުން ގުރުއަތުލާ އިރު ޕްލޮޓް އެލޮކޭޓް ކުރެވި ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާ އިން ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާ ކުރާނެ ކަމަށާއި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރިން ބުނެއެވެ.

މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމް އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދީފައިވާ ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކަށް އެ ތަންތަން ދޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އެ ގޮތުން 4000 ފްލެޓް ވެސް އަންނަ ރޯދައިގެ ކުރިން ދީ ނިންމާލުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ހުޅުމާލެ ފާސް ތިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ގިރާވަޅުފަޅު ވެސް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހިއްކައި އެތަނުން ވެސް ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.