ޒުވާނުންގެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް ހާއްސަ ކޮންފަރެންސެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ ހުރިހާ ދާއިރާތަކުގެ ޒުވާނުންގެ ބައިވެރިވުމާއި އެކު ބާއްވާ މި ގައުމީ ޒުވާނުންގެ ކޮންފަރެންސް އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
ޔޫތު މިނިސްޓްރީން ބުނީ "ނޭޝަނަލް ޔޫތު ކޮންފަރެންސް" ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޮންފަރެންސެއް އޮންނާނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކަމަށެވެ. މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ބުނީ މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުން ކަމަށެވެ.
މި ކޮންފަރެންސްގެ ޒަރީއާއިން ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުން ކުރިއަށްދާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ޖުމްލަ 6 މައުޟޫއަކަށް ބަހާލައިގެން ވޯކްޝޮޕްތައް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި މި ސަރުކާރުން މާލޭގައި ތަރައްގީކުރި ފުރަތަމަ "ޒުވާނުންގެ ވެހި" (ޔޫތު ހަބް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް ހުޅުއްވައިދެއްވީ މިދިޔަ ނޮވެމްބަރު މަހުއެވެ.
ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުސަތުތައް މި ޔޫތު ހަބުން ލިބެން ހުންނާނެއެވެ.
