ކުށުގެ ވެށިންނާއި ގޭންގްތައް އުޅޭ ސަރަހައްދުތަކުން ކަންބޮޑުވާ މިންވަރަށް ކުޑަކުދިން އުޅޭ މަންޒަރު ފެންނަ ކަމަށާއި އުމުރުން 17 އަހަރުގެ ކުދިން އުޅޭ ނޫޅޭ ގޮތް ބެލުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރާ ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވަނީ، މި އަހަރުތެރޭ ހިންގި އޮޕަރޭޝަންތަކުގެ ތަފްސީލްތަކެއް ދެއްވާފައެވެ. އެ ގޮތުން މިއަހަރުތެރޭ ހިންގި އޮޕަރޭޝަންތަކުގެ ތަފާސްހިސާބަށް ބަލާއިރު ކުށުގެ ވެށިން ނުވަތަ ގްރޫޕްތައް އެއްވެ އުޅޭ ސަރްހައްދުތައް ޕެޓްރޯލް ކުރާ އިރު އެ ސަރަހއްދުތަކުން ފެންނަ ކުޑަކުދިންގެ އަދަދު ކަންބިޑުވާ މިންވަރަށް އިތުރު ވަމުން އަންނަ ކަމަށް ނަވީން ވިދާޅުވިއެވެ.
އެ ގޮތުން މިގޮތަށް ފެންނަ ކުދިންނާ ސުވާލުކޮށް އެ ކުދިންނަށް ނަސޭހަތް ދީ ފޮނުވާލާ އިރު އެ ކުދިންނަކީ އެންމެ ފަހުން އޯލެވަލް ހެދި ނުވަތަ އޯލެވަލް ހަދާ ކުދިން ކަމަށް ނަވީން ވިދާޅުވިއެވެ. ކިރިޔާ 18 އަހަރު ފުރިފައި ތިބި ކުދިން ނުވަތަ 17 އަހަރުގެ ކުދިން އެ ތަންތަނުން ފެންނަ މިންވަރު އިތުރުވެގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
އެހެންކމުން އެ އުމުރުފުރައިގެ ކުދިންގެ ބެލެނިވެރިން ދަރިން އުޅޭ ނޫޅޭ ގޮތް ބެލުމަށާއި ކުދިން ދާ ތަންތަން ބެލުމަށް ނަވީން އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި މިއަހަރުތެރޭ ފުލުހުން ކުރި މަސައްކަތްތަކުގެ މައުލޫމާތުތައް ވެސް ނަވީން ހިއްސާކޮށްފައެވެ. އޭގެތެރޭގައި ޑްރަގް މައްސަލައިގައި 951 ފަރާތެއް މިއަހަރު ތެރޭ ހައްޔަރުކޮށްފައި ވާއިރު، ޑްރަގް މައްސަލައިގައި ހައްޔަރު ކުރި 121 ބިދޭސީން ވަނީ އިމިގްރޭޝަންއާ ހަވާލުކޯށްފައި ކަމަށް ނަވީން ވިދާޅުވިއެވެ.
މިއަހަރު ފުލުހުން އޮޕަރޭޝަންތަކުގައި ކުރެވުނު މަސައްކަތްތައް:
- 14950 މީހުންގެ ބޮޑީ ޗެކްކޮށްފައިވޭ.
- 951 ފަރާތެއް ޑްރަގް މައްސަލައިގައި ހައްޔަރު ކޮށްފައިވޭ
- ޑްރަގް އެންފޯސްމަންޓުން 181 އޮޕަރޭޝަން ރާއްޖޭގައި ހިންގާފައި ވޭ
- ޑްރަގް މައްސަލަތަކުގައި ހައްޔަރު ކުރި 121 ބިދޭސީން އިމިގްރޭޝަންއާ ހަވާލުކޮށްފައިވޭ
- ޑްރަގް ވަބާގައި ޖެހިގެން އުޅޭ 291 ފަރާތެއް ވަނީ އެންޑީއޭގެ ރިހެބް އަށް ހަވާލުކޮށްފައިވޭ
- 860 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވޭ
- 656 ކޭސް ލޮޖްކޮށް 263 ކޭސް ޕީޖީއަށް ފޮނުވާފައި ޑްރަގްސް
- ގަވާއިދާ ހިލާފަށް އުޅޭ 830 ބިދޭސީން އިމިގްރޭޝަންއާ ހަވާލުކޮށްފައިވޭ
މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިވަގުތު ކުށުގެ މާހައުލުގައި އުޅެމުންދާ 220 ކުދިންނަށް ފަރުވާގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ކުށުގެ މާހައުލަށް ވަދެދާނެ ކަމުގެ ބިރު އޮތް 162 ކުދިންނަށް ވެސް ހިދުމަތް ދެމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ނަވީން ވަނީ ކުޑަކުދިން ހިމެނޭ ހެން ހުރި މައްސަލަތަކުގެ ތަފްސީލް އެކަމާ ގުޅުން ހުރި އެހެނިހެން މުއައްސަސާތަކާ އެކު ނޫސްވެރިންނާ ބައްދަލުކޮށް އެ މައުލޫމާތު ވެސް ހިއްސާ ކުރާނެ ކަމަށެވެ. އަންނަ ހަފްތާ ތެރޭގައި އެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް ނަވީން ވަނީ ވިދާޅުވެފައެވެ.
