ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިއަށް ދިއުމުގެ ސަބަބުން ކަނޑުވި މީހަކު ސަލާމަތްކޮށްފިއެވެ.
ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ މައުލޫމާތު ފުުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެއީ 68 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެ މީހާ ސަލާމަތްކޮށް، ފުލުހުންގެ ލޯންޗުގައި މިހާރު ފީވަކަށް ގެންގޮސްފައިވާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާތަނަށް ބެލިބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވާކން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެ ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
