މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ސިވިލް ކޯޓުގެ ނިންމުން ބަލައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ހައި ކޯޓުން މިދިޔަ އޮކްޓޯބަރު ނެރުނު ހުކުމް ކައިޒީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިރު، މިހާތަނަށް އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
މިދިޔަ އަހަރު ފަހުކޮޅު ކައިޒީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ބައްޕަ އަށް 3.6 މިލިއަން ރުފިޔާ ހަވާލުކޮށް ބޯޓެއް ގަތުމަށް ދިނުމުން، އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅު އެ ފައިސާ އިން ބޯޓު ގަނެ އޭނާގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައި ވާތީ ކައިޒީންގެ ނަން މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކޮށް ދިނުމަށް އެދިއެވެ. އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކޮށްފައެވެ. އެ މައްސަލާގައި ޣައިރު ހާޒިރުގައި ހުކުމް ކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލުކުރާ ކަމަށް އެ ހުކުމުގައި ވެއެވެ.
ދެވަނަ ފަހަރަށް އެ މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން ނިންމީ ކައިޒީންގެ ބައްޕެގެ ނަންމަތީގައިވާ ބޯޓު ""މިހިރީ ނަންބަރު5" ގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމުގައި ކަނޑައަޅައި ދެވެން ނެތް ކަމަށެވެ. އެ ހުކުމް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލަ ދެވަނަ ފަހަރަށް ކައިޒީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ އިރު އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ހައި ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ހަމައެކަނި އިޖުރާއީ ނުކުތާތަކެއްގެ ތެރޭގައި މައްސަލަ ތާށިވެ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއް މައުޟޫއު ފުރަތަމަ ފަހަރަށް ހައި ކޯޓުން ބެލުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
