މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕަ ލައްވާ ބޯޓެއް ގަތުމުގެ މައްސަލައިގައި، އެ ބޯޓު ގަތީ ކައިޒީން ފައިސާ ދީގެން ކަން ސާބިތު ނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަނެއްކާވެސް ހައި ކޯޓުން އަންގައިފިއެެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ކައިޒީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ބައްޕަ އަށް 3.6 މިލިއަން ރުފިޔާ ހަވާލުކޮށް ބޯޓެއް ގަތުމަށް ދިނުމުން، އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅު އެ ފައިސާ އިން ބޯޓު ގަނެ އޭނާގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައި ވާތީ ކައިޒީންގެ ނަން މައްޗަށް ބޯޓުގެ ރަޖިސްޓްރީ ބަދަލުކޮށް ދިނުމަށް އެދިއެވެ. ނަމަވެސް އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ. އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކޮށްފައެވެ.
އެ މައްސަލާގައި ޣައިރު ހާޒިރުގައި ހުކުމް ކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލުކޮށްފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ ކައިޒީންގެ ބައްޕެގެ ނަންމަތީގައިވާ ބޯޓު ""މިހިރީ ނަންބަރު5" ގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމުގައި ކަނޑައަޅައި ދެވެން ނެތް ކަމަށެވެ. އަދި މި ހުކުމް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައެވެ.
މި މައްސަލަ ދެވަނަ ފަހަރަށް ކައިޒީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު އެ މައްސަލާގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންވެ، ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދަން ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
