އައްޑޫ ހައި ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި، އެ ސްކޫލުގެ މެނޭޖްމަންޓު ފެއިލްވެފައިވާކަމަށް ޓީޗަރުންގެ އެސޯސިއޭޝަނުން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަނީ ގިނަ ވީޑިއޯތަކެއް އާއްމުވެފައިވާއިރު އެ މައްސަލައިގައި ދަރިވަރާ، ޓީޗަރު ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި ޓީޗާރު މިހާރު މާލެ ގެނެސްފައިވާއިރު މިކަމާއި ގުޅިގެން މިއަދު ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ބުނެފައިވަނީ އެ މާރާމާރީ ހިނގާފައިވަނީ ދަރިވަރު، ފޯނު މެދުވެރިކޮށް ކްލާސް ސްކްރީންގައި އަޅުވާފައިވާ ބޭއަދަބީ މަންޒަރަކާއި ގުޅިގެން ޓީޗަރު ފޯނު ހޯދަން އުޅުމުން ކަމަށެވެ. އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ދަރިވަރުންގެ ހައްގުވެސް އޮންނާނެ ކަމަށް މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަދި ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ދިމާވާ މިފަދަ މައްސަލަތައް ރަނގަޅަށް ނުބެލުމުގެ ސަބަބުން ޓީޗަރަށް އަދަބު ދެވިފައިވާ ކަމަށެވެ. އަދި މިފަދަ ސަބަބުތަކާ ހެދި، ތައުލީމީ ދާއިރާއަށް ލޯބިކުރާ އެތައް ޓީޗަރުންނެއް ދާއިރާ ދެކެ ފޫހިވެ، ދާއިރާ ދޫކޮށް، ދިޔުމުގެ ސަބަބުން އެތައް ކުދިންނެއްގެ ކިޔެވުމަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫކުރުމާ، ހަނގާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ މިއީ އެ ސްކޫލުގައި އާންމު ކަމެއްކަން އެ އެސޯސިއޭޝަނުން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާހިރު ނަތީޖާއަކަށް މިވީ، ޓީޗަރަކު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތަކުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިބި ސޯޝަލް މީޑިއާގައި ފަޟީހަތްވުންކަމަށް ޓީޗާރުންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ ސްކޫލުގައި ހިނގާފައިވާ މިފަދަ ކަންތައްތަކަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައިވާކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދަރިވަރަށް ކްލާސްތެރެއަށް ފޯނު ގެންދިއުމަށް ހުއްދަ ދެވިފައި އޮތް އޮތުން ކަމަށެވެ. ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ދަރިވަރުން ފޯނު ގެންދާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ރާއްޖޭގައި ވެސް ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދަން ހުއްދަދޭނަމަ، އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށެވެ.
"އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއާ ގުޅިގެން މި އެސޯސިއޭޝަނުން ބެލި ބެލުމުން ފާހަގަވި އެންމެ މުހިންމު ކަމަކީ އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން. މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއްނޫން،" އެ އެސޯސިއޭޝަނުން އިތުރަށް ބުންޏެވެ.
މީގެ އިތުރުން ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޓީޗަރަށް ދަރިވަރު އުނދަގޫކުރި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ގޮވާލާފައެވެ.
