މާލޭގައި އިންފްލުއެންޒާ އާއި ޑެންގޫ ހުން ވަރަށް ގަދައަށް ފެތުރެމުންދާތީ، ސަމާލުވުމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށާއި ބައެއް ކުދިން ގައިގައި ރިއްސާ ނުހިނގޭ ވަރުވެސް ވަމުންދާ ކަމަށެވެ. އެހެންކަމުން ފައިސަލް ވަނީ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ. މާލެ އަތޮޅު މާފުއްޓާއި، ހިންމަފުށީގައި ޑެންގޫގެ ކޭސް އިތުރުވަމުން އަންނަކަން ފާހަގަކޮށް ފައިސަލް ވަނީ މަދިރި ހެފިޔަނުދީ ރައްކާތެރިވުމަށް އެދިފައެވެ.
އިންފްލުއެންޒާ އަލާމާތްތަކުގެ ތެރޭގައި ހުން ގަދަވުން، ބޮލުގައި ރިއްސުން، ހަށިގަނޑާއި މަސްތަކުގައި ރިއްސުން، ކަރުގައި ރިއްސުން، ކެއްސުން، ނޭފަތް ހިރުވުމާއި، ބެދުން އަދި ވަރުބަލިވުން ހިމެނެއެވެ. މިއީ ގައިންގަޔަކަށް އަރާ ރޯގާއަކަށްވާއިރު މި ރޯގާގައި ނޭވާލާން އުނދަގޫވުމާ، ހަށިގަނޑުގައި ވަރަށް ބޮޑަށް ރިއްސުން ނުވަތަ ފައިގައި ރިއްސުމުގެ ސަބަބުން ހިނގާބިނގާވެ އުޅެން އުނދަގޫވުން، ހުން ގަދަވެ، ކަރު ހިއްކުމާއެކު މޭގައި ރިއްސުން ހިމެނެއެވެ.
ޑެންގޫގެ އެންމެ ފުރަތަމަ އަލާމާތަކީ ވައިރަލް ހުމެކެވެ. ޑެންގޫ ހުން އެހެން ހުންހުމާ ތަފާތުކުރެވޭ އަލާމާތްތައް ޑެންގޫ ހުން ޖެހިފައި އިތުރު މައްސަލަތަކާ ދިމާނުވެ ފަސޭހަވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު ހިނގާބިނގާވެ ނޫޅެވޭ ވަރަށް ހުޅުތަކުގަޔާ ގައިގައި ރިއްސައެވެ. މިހާލަތް މެދުވެރިވުމަށް ކިޔަނީ ކަށި ބިންދާ ބަލި އެވެ. ޑެންގޫ ހުން އެހެން ހުންހުމާ ތަފާތު ވަނީ ހީކެރުވުމާއެކު ވަރަށް ގަދަޔަށް ހުންއައުމާ، މޫނުގައި، ކަރުގައި އަދި މޭމަތީގައި އާދަޔާ ހިލާފު ރަތްކަމެއް، ނޫނީ ކުދި ތިކިތަކެއް ހުންނަކަން ފާހަގަ ކުރެވުމެވެ.
