ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް ކަމަށްވާ "ނެޝަނަލް ނިއުސް އެޖެންސީ" އިފްތިތާހުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި މި މަސައްކަތަކީ، ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާންގެ އިތުރުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީނެވެ.
އެންއެންއޭ އިފްތިތާހުކުރުމަށްފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފައެވެ.
މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާން ވިދާޅުވީ، މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ޕްލެޓްފޯމެއްކަމަށެވެ. ހަމަ އެހެންމެ ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ. ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަގުބަލުގައި މި ޕްލެޓްފޯމްގައި ހިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން ވިދާޅުވީ، ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފުޅާކުރާނެކަމަށެވެ. އަދި ގިނަ ކޮންޓެންޓްތަކެއް މި ޕްލެޓްފޯމްގައި ހިލޭ ދޫކުރުމަށް ހަމަޖެހިފަވާއިރު، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ހާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައްވެސް ހިމަނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނަސްރީން ވިދާޅުވީ، ޕީއެސްއެމްއާއެކު މަސައްކަތްކުރާ ބައިނަލްއަގްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، މި ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ހިއްސާކުރުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.
ކުރިމަގުގައި ފަންނާ ބެހޭ ވުޒާރާއާއި ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ތަފާތު ތަމްރީން ޕްގްރާމްތައް މީޑީއާތަކަށް ހިންގުމަށްވެސް ވިސްނުމުގެ އިތުރުން ބައިނަލްއަގްވާމީ އެކި މީޑިއާ އިވެންޓްތަކުންވެސް ފުރުސްތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށްވެސް ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވިއެވެ.
