މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓުން އަތުލައިގެން މަސްތުވާތަކެއްޗަށް، އެ މައްސަލާގައި ހައްޔަރުކުރި މީހުން އިންކާރު ނުކުރާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފިއެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި އުޅެނިކޮށް އަތުލައިގެން، ލަންކާގެ "އަވިޝްކާ ޕުތާ" ނަމަކަށް ކިޔާ ބޯޓުން ފެނުނު މަސްތުވާތަކެއްޗާއެކު 5 މީހަކު ހައްޔަރުކުރިއެވެ.

އެއީ:

  • ވަރްނަކުލަސޫރިޔަ އޮޝެން ސަޗިންތަ، 28 އަހަރު
  • ވަރްނަކުލަސުރިޔަ ނިޝަންތަ ތަމެލް، 34 އަހަރު
  • ކޭ އެން އައި ޕެއިރިސް، 39 އަހަރު
  • މިހިޑުކުލަސުރިޔަ އަންޑަރަގެ އަމިލަ، 42 އަހަރު
  • ސިންގައްޕުލިގެ ނިމަލް ރަންޖިތް، 63 އަހަރު

އެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަަމަށާއި އޭގެތެރޭގައި ތަހުގީގު ބަޔާނާއި ފޮޓޯ ރިޕޯޓާއި އެމްއެންޑީއެފްގެ ލިޔުންތައް ހިމެނޭ ކަމަށެވެ.

އޭގެއިތުރުން އެ ކުށަކީ އިންތިޒާމްވެގެން ފުޅާ ދާއިރާއެއްގައި، ގިނަ ބަޔަކު ޝާމިލްވެގެން ކުށްކުރާ ނެޓުވޯކަކުން ހިންގާފައިވާ ކުށެއް ކަމަށް ބުރަވެވޭ ކަމަށްވެސް ކޯޓުގެ އަމުުރުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.