ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް އެ ރަށު ފަރަށް އަރައި، ބޯޓުން ދަތުރުކުރަމުން ދިޔަ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މަރުވެފައި އޮއްވައެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ 'ފައިސަލާ' ނަމަކަށް ކިޔާ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ 19:52 ހާއިރު ކަމަށެވެ. މި ބޯޓުން ޖުމްލަ 11 މީހުން ދަތުރުކުރި ކަމަށާއި އެއީ 5 ދިވެހިންނާއި 6 ބިދޭސީން ކަމަށެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް (30އ) ކަމަށެވެ. ކާށިދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ ބޯޓު ފަރަށް އެރުމާ ގުޅިގެން މުދާތައް އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
