ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިފަދައިން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލިއްޔާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ. މާލީ ޒިންމާ ހަރުދަނާކޮށް އިގްތިސޯދަށް އޮތް އިތުބާރު އަލުން ގާއިމްކުރުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން މުހިއްމު މަސައްކަތްތަކެއްކޮށްފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް ކުރި މަސައްކަތްތަކާއެކު މާލީ ހާލަތު މިހާރު ހަމަ މަގަށް އެޅެމުންދާ ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެގޮތުން ދިވެހި ސަރުކާރަށް ވާރުތަވި ދަރަނީގެ ތެރެއިން އެކްސްޓާނަލް ޑެބްޓް ގެ ގޮތުގައި (ދަރަންޏާއި ދަރަނީގެ ޕްރިންސިޕަލް އެމައުންޓާއި އިންޓަރެސްޓް ހިމެނޭހެން) 1 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އޮތް ބައިނަލްއަގްވާމީ އިތުބާރު އަލުން ގާއިމްކޮށް، އެކުވެރި ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދާފައިވާކަން ވެސް ޒަމީރުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. ޒަމީރު ވިދާޅުވީ ދިވެހިރާއްޖެއަކީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ގައުމުތަކުން މިހާރު ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

ސަރުކާރުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކާ ހަލާސްކޮށްފައިވާއިރު އަންނަ އަހަރު ދަރަނީގެ ގޮތުގައި 1.6 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭކަން ފާހަގަކުރެވެއެވެ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ރާއްޖޭގެ ދަރަނިތައް ދެއްކުމުގައި ދަތި ނުވާނެ ގޮތަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.