ޝާމިލުކަމާއި، ހަމަހަމަކަމާއި، ވިލުންތެރިކަމުގެ ތަރަހައިގެ ތެރެއިން، ބައިނަލްއަގުވާމީ ފެންވަރުގައި އިޖުތިމާއީ ތަރައްގީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަގީންކަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވައިފިއެވެ.
ސެކަންޑް ވާލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގައި، ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ 1995 ވަނަ އަހަރު ބޭއްވި، ފުރަތަމަ، ވާލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓަށް ފަހު މި ވޭތުވި ދުވަސްތަކަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން، އެންމެހައި އިންސާނުންނަށް އަމަންއަމާންކަމާއި، ފުދުންތެރިކަމާއި، އަބުރުވެރި ދިރިއުޅުމެއް ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ އަސާސަކީ އިޖުތިމާޢީ ތަރައްގީކަމުގައި ހެދުމުގެ ސާފު ތަސައްވުރެއް ގެންގުޅެމުންދިޔަ ނަމަވެސް، ތަރައްގީ މީޒާންވެފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަންހެނުންގެ ހައްގުތައް ވަކި ހިސާބެއްގައި ހިފެހެއްޓިފައިވާކަމާއި، ތަރައްގީގައި ފަރަގުތައް އިތުރުވަމުންދާކަމާއި، މޫސުމީ ބަދަލުތައް އިތުރުވެ، ނާޒުކު މުޖުތަމައުތައް އިތުރު ހިރާހަށް ހުށަހެޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ ފަދަ، ތަރައްގީވަމުން އަންނަ ކުދި ޖަޒިރާ ގައުމުތަކުގެ އެންމެ ބޮޑު ވަސީލަތަކީ ރައްޔިތުންކަން ފާހަގަކުރައްވައި، އިންސާނީ ތަރައްގީއަށް ވުނަކުރުމަކީ، އެފަދަ ގައުމުތަކުގެ ކުރިއެރުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް އިސްކަންދީ، ގައުމަށް އެންމެ މުހިންމު ކަންކަން ދެނެގަނެގެން، ސއްހީ ފަރުވާގެ ނިޒާމާއި، ތައުލީމާއި، ގައުމު ޑިޖިޓަލްކުރުމާއި، މޫސުމީ ވިލުންތެރިކަމަށް ވުނަކުރުމަކީ، ދިވެހި ސަރުކާރުން އެންމެ އަހުމިއްޔަތު ދޭ ކަންކަން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ގައުމުގެ އިގްތިސާށް އޭގެ ނޭދެވޭ އަސަރު ނުކުރާނޭ ފަދަ ގޮތަކަށް އިޖުތިމާއީ ތަރައްގީއަށް ހަރަދުކުރުމުގެ މާލީ ގާބިލިއްޔަތު ލިބިފައިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ދަރަންޏަކީ ގައުމުގެ ވިލުންތެރިކަން ބިނާކުރާ އާލާތަކަށް ހެދުމަށް ރާއްޖެއިން ހުށަހަޅާ ހުށެހެޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ފަދަ މަސައްކަތްތަކުގެ އެހީގައި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ބިނާރު ގާއިމުކޮށް، ޑިޖިޓަލް އިންކްލޫޝަން ފުޅާކޮށްގެން، ޝާމިލު އަދި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފަހިކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، އިސްރަށްވެހިންނަށް އިނާޔަތް ދިނުމާއި، ބޭސްފަރުވާއަށް ކަވަރޭޖްދިނުމުގެ ނިޒާމާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އަސާސީ ހިދުމަތްތައް ލިބޭނޭ އިންތިޒާމުތައް ގައުމީ ފެންވަރުގައި ކަށަވަރުކުރުމުގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، 2030 ވަނަ އަހަރު އަންނަ އިރު، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 15 އިންސައްތަ ހިއްސާކުރާނީ ކްރިއޭޓިވް އިކޮނޮމީ އިން ކަމުގައި ހެދުމުގެ އަމާޒުގައި އެކުލަވާލާފައިވާ މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށްވެސް އިޝާރާތްކުރައްވާފައެވެ. އަދި މި މަސައްކަތުގެ ތެރެއިން ޒުވާނުންނަށް ފުރުސަތުތައް އިތުރުކޮށް، އިގްތިސާދު ސިންދަފާތުކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، އިންސާނީ ތަރައްގީއަށް ވުނަކުރުމުގެ ފުރުސަތު ފަހިވާނޭފަދަ ގޮތަކަށް ދުނިޔޭގެ މާލީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވަނީ، ބައިނަލްއަގުވާމީ ގުޅުންތަކާއި، އިޖުތިމާއީ ޝާމިލުކަމާއި، ދެމެހެއްޓެނިވި ތަރައްގީ ގައިމުކުރުމަށް، ދިވެހިރާއްޖެއިން އިހްލާސްތެރިކަމާއެކު މަސައްކަތްކުރަމުންދާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
ގަތަރުގެ ދޯހާގައި ކުރިއަށްދާ، ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓުގައި، ގައުމުތަކުގެ އިސް ވެރީންނާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މަދަނީ ޖަމުއިއްޔާތަކާއި އަމިއްލަ ފަރާތްތަކުން، އިޖުތިމާއީ ތަރައްގީ އާއި، ދެމެހެއްޓެނި ތަރައްގީ އާއި ހަމަހަމަކަން ގާއިމުކުރުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ އަޒުމުތައް ކަނޑައަޅާނެއެވެ.
މީގެ 30 އަހަރު ކުރިން، ފުރަތަމަ ފަހަރަށް، ވާލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ، 1995 ވަނަ އަހަރު، ޑެންމާކްގެ ކޯޕަންހޭގަންގައެވެ.
